އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް އުދުވާނީ ހަނގުރާމަ އެއް ފަށައިފިނަމަ ގަލްފުގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އެމެރިކާގެ މަސްލަހަތުތަކަށް ރައްދު ހަމަލާދީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރަން އީރާނަށް ކެރޭނެކަމަށް އޭނާ ލަފާކޮށްފައި ނުވާކަމަށް މިމައްސަލާގައި ގޮތް ހުސްވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައިވަނީ ވިދާޅުވެފައެވެ.

އީރާނުން ގަލްފުގެ ގައުމުތަކަށް ދިން ރައްދު ހަމަލާތަކާ ބެހޭގޮތުން ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އީރާނުގެ ރައްދު ހަމަލާތަކަކީ އޭނާއަށް ލިބުނު ކުއްލި "ސިހުމެއް" ކަމުގައެވެ.

"އީރާނުން ގަލްފުގެ ގައުމުތަކަށް މިވާ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެކަމަށް އެއްވެސް މީހަކު އުންމީދެއް ނުކުރާނެ އަދި ހުރުމުޒު ކަނޑުއޮޅި ބަންދުކުރެވިދާނެކަމަށްވެސް ލަފައެއް ނުކުރާނެ" ޓްރަމްޕް ވިދާޅުވިއެވެ.

ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ބަންދުކުރަން އީރާނަށް ކެރޭނެކަމަށްވެސް އުންމީދު ނުކުރާކަން ހާމަކޮށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަތަކުން އެނގުނުގޮތުގައި މިހިސާބަށް ކަންތައް ދިޔުމުގެ ކުރިން އޭނާ ލަފާކޮށްގެން ހުންނެވީ އީރާން އަމާން ދޭނެކަމަށެވެ. ނޫނީ އެމެރިކާ އާއި އިސްރާއީލުން ދިން ކުއްލި އަދި ގަދަފަދަ ހަމަލާތަކުގައި އީރާނުގެ އިސްވެރިން އަވަހާރަވެގެން ދިޔުމުން އީރާނުގެ ވެރިކަމުގެ ނިޒާމު ވެއްޓިގެންދާނެކަމުގައެވެ. ނޫނީ އީރާނުގައި ހަމަނުޖެހުންތައް ހިންގަން އެމެރިކާ ބޭނުންކުރި އެޖެންޓުން އީރާނުގެ މަގުތަކަށް އަނެއްކާވެސް ނުކުމެ އެމެރިކާ އެދޭގޮތަށް އީރާނުގެ ވެރިކަން ވައްޓާލާނެ ކަމުގައެވެ.

މިއިންއެއްވެސް ކަމެއް ޓްރަމްޕް ލަފާކުރި ގޮތަށް ގޮސްފައެއް ނުވާތީ މިބަޔާން ދެއްވިއިރު ޓްރަމްޕް ގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ހަދާނެ ގޮތްހުސްވެފައިވާކަމުގެ އަލާމާތްތަކެވެ. ހަނގުރާމައިން އަވަސް ގޮތަކަށް މަގްސަދު ހާސިލް ކުރެވޭނެކަމަށް އޭނާ ކުރި އުންމީދުތައް ބިލާހަކަށްވުމުން މޫނުމައްޗަށް އަންނަ ބަދަލުތަކެވެ.

ގިނަ މުހައްލިލުން ވިދާޅުވާގޮތުގައި "އަރައި ހުންނެވި އުސް ގަހުން ފައިބަން ޖެހިއްޖެ ކަމުގެ އިހްސާސް" ޓްރަމްޕަށް މިހާރުވަނީ ކުރެވެން ފަށާފައެވެ.

ނަމަވެސް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ވެރިކަން ނުވެއްޓިއްޖެ ހާލަތެއްގައި ބަދަލުހިފުމުގެ ގޮތުން އީރާނުން ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމާއި ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ބަންދުވެސް ކުރާނެކަމާއި އިސްރާއީލުގެ ބޮޑުބައެއް ފުނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ އަސްކަރީ އިސްފަރާތްތައް ޓްރަމްޕަށްވަނީ ދެއްވާފައެވެ.

ޓްރްމަޕްގެ މިހާލާތާ މެދު ރައުޔު ފާޅުކުރެއްވި މުހައްލިލުން ވިދާޅުވިގޮތުގައި އެމެރިކާގައި އާދަޔާ ޚިލާފު އަސްކަރީ ބާރުހުރިކަމުގެ އިހްސާސް ކުރެވި ޓްރަމްޕް މާބޮޑަށް ކުރެވި އޭނާއާށް އޭނާގެ ނަފްސު އޮޅުނީއެވެ. މާބޮޑަށް މަތިހަށި ފުއްޕައި ބޮޑާވެގަނެވުނީއެވެ. ބާރުއޮތީމާ ދުނިޔޭގައި ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމުގެ އިހްސާސް ކުރެވުނީއެވެ.

އަނެއްކޮޅުން އެމެރިކާގެ ފުރަތަމަ ހަމަލާތަކާއެކު އީރާނުގެ ވެރިކަމުގެ ނިޒާމު ވެއްޓިގެންދާނެކަމުގެ ސަތޭކަ ޕަސެންޓަށް ފޭކު ޔަގީންކަމެއް އޭނާއަށް ލިބިގެން ދިޔައީއެވެ.

އެމެރިކާގެ ޖެނެރަލުންގެ ވާހަކަތަކުގައި މާބޮޑު ބުރަދަނެއްނެތްކަމާއި ހުރިހަ ކަމެއް އެނގެނީ އޭނާއަށް ކަމުގެ އިހްސާސް ޓްރަމްޕަށް ކުރެވުނީއެވެ. ޓްރަމްޕަކީ މާބޮޑަށް ކިޔަވައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. ފޮތްކިޔައި މައުލޫމާތު ހޯއްދަވާ ބޭފުޅެއް ނޫނެވެ. އޭނާ ނިސްބަތްވަނީ އެމެރިކާގައި އުޅޭ ސައެންސާއި އިލްމީ ހަގީގަތްތައް ގަބޫލު ނުކުރާ ޖާހިލުންގެ ފަންތިއަށެވެ.

މިހާރު ޓްރަމްޕަށްވަނީ ގޮތް ހުސްވެފައެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި ގަލްފުގައިވާ އެމެރިކާގެ އަސްކަރީ އަދި މަދަނީ ގިނަ މަރުކަޒުތައްވަނީ ހަލާކުވެ ސުންނާފަތިވެފައެވެ. އެމެރިކާގެ ބައެއް ސިފައިން މަރުވެ އެތަށް ސަތޭކަ ސިފައިންވަނީ ޒަޚަމްވެފައެވެ. ގަލްފުގައިވާ އެމެރިކާގެ އަގުބޮޑު ރާޑަރުތައްވަނީ އަންދާލާފައެވެ.

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ކިތަންމެ ގެއްލުމެއް ލިބުނުނަމަވެސް އީރާން ފަދަ 46 އަހަރު ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގައި އޮތް އެމެރިކާއާ އަޅާބަލާއިރު ކުޑަ އަދި ތިންވަނަ ދުނިޔޭގެ ގައުމަކާ އެމެރިކާ އަސްކަރީ ގޮތުން ކުރިމަތިލައިގެން އަވަސް ގޮތަކަށް އެމެރިކާއަށް މަގްސަދު ހާސިލްނުވުމަކީ ހުރިހާ މާނައެއްގައި ސްޓްރެޓީޖިކް ގޮތުން އެމެރިކާ ބަލިވުމެވެ.

އަނެއްކޮޅުން އީރާންވަނީ އިސްރާއީލަށް ސްޓްރެޓީޖިކް ގޮތުން އިއާދަ ނުކުރެވޭ ވަރުގެ މާއްދީ އަދި މައުވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެތެރޭގައ އިސްރާއީލަކީ އެހެންގައުމެއްގެ ހަމަލާތަކުން މާބޮޑު ގެއްލުމެއް ނުލިބޭނެކަމަށް ބުނެ ޕްރޮޕަގެންޑާކޮށްގެން ފާއިތުވި 70 އަހަރު ތެރޭގައި އިސްރާއީލުން ބިނާކުރި އަސްކަރީ ޑިޓަރެންސް އީރާނުން ފުނޑާލި މައްސަލަ ހިމެނެއެވެ. މިއީ އިސްރާއީލަށް ގެއްލިގެން ދިޔަ އާދައިގެ އެއްޗެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އީރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު ޓްރަމްޕް ގެ ކުރިމަތީގައި މިހާރު ވަނީ ހުރިހާ މަގުތަކެއް ބެދިފައެވެ. އޭނާއަށް އެހީވުމަށް ނޭޓޯއާއި އެހެން ގައުމުތަކެއްވެސް ނެތެވެ. މުޅި ދުނިޔެވަނީ ޓްރަމްޕަށް ފުރަގަސްދީފައެވެ.

މަގްސަދު ހާސިލް ނުކުރެވި ފެއިލްވި ކަމުގެ ލަގަބާއެކު ނޫނީ ހަނގުރާމަ ހުއްޓާލެވޭކަށް ނެތެވެ. ތެލުގެ އަގު އުފުލެމުން ދިޔުމާއެކު އެމެރިކާގެ ކުންފުނިތަކާއި އިގްތިސާދު ބަނގުރޫޓް ވެދާނެތީ އީރާނާ ދެކޮޅަށް ދިގުމުއްދަތަކަށް ހަނގުރާމަ ކުރިޔަށް ގެންދެވޭކަށްވެސް ނެތެވެ. ހަނގުރާމަ ކޮށްގެން ކައިރި މުސްތަގްބަލެއްގައި އީރާން ބަލިކުރެވޭނެ ކަމުގެ އުންމީދެއްވެސް ނެތެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ގެ ގިނަ މެންބަރުންނާއި ޓްރަމްޕްގެ "މާގާ" ފިކުރަށް ތާއީދުކުރާ ފަރާތައް ވަނީ އެމެރިކާއަށް އޮތް ނުރައްކަލަށް އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތި ޓްރަމްޕް ގެ ކަނޑުކޮސްކަމުން ބޮޑު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވައްޓާލި ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކޮށްފައެވެ.

މިކަމުގެ ސަބަބުން ޓްރަމްޕާއި އޭނާގެ ޕާޓީގެ ތާއީދު އެމެރިކާގައި ގެއްލެމުންދަނީ ބޮޑު އިންތިޚާބެއް ބޯމަތި ވެފައިވަނިކޮށެވެ. ހަމައެކަނި އިސްރާއީލުގެ މަސްލަހަތަށް ޓަކައި އެމެރިކާއާ އަދި ގަލްފްގެ ގައުމުތަކާ އަދި މުޅި މެދުއިރުމައްޗާއި ދުނިޔޭގެ އިގްތިސާދު ފަނާކުރަނިވި ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމަށްފަހު އެއިން ރެކިގަތުމަށް ގޮތްހުސްވެފައިވާ ހާލުގައި ޓްރަމްޕް ހަޑިހާވާ މަންޒަރު މުޅި ދުނިޔެއަށްވަނީ ފެންނަން ފަށާފައެވެ. މިއާއެކު ދުނިޔޭގައި އެމެރިކާ ބާކީވެ އެކަހެރިވެފައިވާ މިންވަރާމެދު އެމެރިކާގައިވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.