08 Sep 2012, 22:37
ތެހެރާން (ސެޕްޓެމްބަރ 8): އީރާނަކީ ބައިނަލްއަޤްވާމީ އަމްނާއި ސުލްހައަށް ނުރައްކާކުރާ ޤައުމެއް ކަމަށް ސިފަކޮށް އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި ކެނެޑާގައި ތިއްބަވާ އީރާނުގެ ޑިޕްލޮމޭޓުން ފަސް ދުވަހުގެ ތެރޭގައި ބޭރުކޮށްލުމަށް ކެނެޑާ ސަރުކާރުން ނިންމި ހަރުކަށި ނިންމުން އީރާނުން ކުށްވެރިކޮށްފި އެވެ.
އީރާނުގެ ޚާރިޖިއްޔާ އިން ބުނީ އެޤައުމުން ކެނެޑާއާ ދެކޮޅަށް އެއްވެސް ކަމެއްނުކުރަނީސް އަދި އެއްވެސް ހައްޤަކާނުލާ ކެނެޑާ ސަރުކާރުން އެޅި މިފިޔަވަޅުތަކުން ދޭހަވަނީ ކެނެޑާއަކީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވެ އެޖަމާއަތްތަކަށާއި އިސްރާއީލަށް އަޅުވެތިވެފައިވާ ޒަޔަނިސްޓް ނިޒާމެއް ކަމުގަ އެވެ. ކެނެޑާގެ ބޮޑުވަޒީރު ސްޓީވަން ހެޕަރ ގެ ސަރުކާރަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރީ ޙަރަކާތްތަކަށް ލޯމަރާލުމަށް ފަހު އިސްރާއީލަށް ހަމްދަރްދީވާ އަދި އަމިއްލަ މިނިވަންކަމަށާއި ޙައްޤުތަކަށް މިސައްކަތްކުރާ ފަލަސްތީނުގެ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރާ ސަރުކާރެއްކަމަށްވެސް އީރާނުން ސިފަކޮށްފައިވެ އެވެ.
ކެނެޑާ ސަރުކާރުން ގެންދަނީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ފަލަސްތީނުންކުރާ މަސައްކަތްތަކާ ދެކޮޅަށްވެސް އަޑުއުފުލަމުންނެވެ. އަދި ކެނެޑާއަކީ ބައިނަލްއަޤްވާމީ ހުރިހާ މަޙްފަލްތަކެއްގައި ވެސް ފަލަސްތީނުގެ ޙައްޤުތަކާ ދެކޮޅަށް ޙަރަކާތްތެރިވާ އަދި އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކަށް ލޯމަރާލާ ޤައުމެއްވެސް މެއެވެ. މީގެއިތުރުން ސިޔާސީ މަޤްސަދްތައް ޙާސިލް ކުުރުމަށްޓަކައި ޑިިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައުގެން ހުޅަނގުން ކުޅޭ ކުޅިގަނޑުގައި ވެސް ކެނެޑާ ސަރުކާރަކީ ވަރަށް ކުރީގައި އުޅޭ ސަރުކާރެއް ކަމަށް ވެސް އީރާނުގެ މީޑިޔާއިން ވަނީ ތުހުމަތު ކޮށްފައެވެ.
އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން ކެނެޑާގެ ޚާރިޖިއްޔާއިން ކުރީ އިޢްލާން ކުރީ އީރާނަކީ ބައިނަލްއަޤްވާމީ އަމްނާއި ސުލްހައަށް ނުރައްކާކުރާ ޤައުމެއްގެ އިތުރުން ސޫރިޔާ ސަރުކާރަށް ވާގިވެރިވާ އަދި ބައިނަލްއަޤްވާމީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއް ކަމަށާއި އިސްރާއީލުގެ ވުޖޫދަށް ނުރައްކާކުރާ ޤައުމެއް ކަމަށްވެސް ސިފަކޮށްފައެވެ. ނަމަވެސް އީރާނުން ބައިނަލްއަޤްވާމީ ސުލްޙައަށް ނުރައްކާކުރުމަށް ކުރާވަކިކަމެއް ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯން ބާޑް ފާހަގައެއް ނުކުރައްވައެވެ. ޓެރަރިޒަމްގެ ތުހުމަތަކީ ހުޅަނގުގެ ޤައުމުތަކާ އިދިކޮޅު ޤައުމުތަކުގެ އަގުވައްޓާލުމަށް އެމެރިކާ ފަދަ ޤައުމުތަކުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންގެންދާ އެއްޗެކެވެ.
ރިޕޯޓްތައް ބުނާގޮތުން ކެނެޑާ އީރާންދެކެ ރުޅިއައިސްގެން އުޅެނީ ފަލަސްތީނުގެ ބިން ހިފުމަށްފަހު އެބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އުފައްދައި ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކޮށް އެމީހުން ޙާލުގައި ޖެއްސި ޖެއްސުމަކީ މުޅި އިންސާނިއްޔަތަށްއޮތް ކުރިމަތިވެފައިވާ ހުތުރު ލަދެއް ކަމަށާއި އިސްރާއީލަކީ މެދުއިރުމަތީގައި އުފެދިފައިވާ ނައްތާލަންޖެހޭ ކެންސަރު ޓިއުމަރެއް ކަމަށް ސިފަކުރައްވައި ދާދިފަހުން އީރާނުގެ ރައީސް އަހްމަދީ ނެޖާދް ދެއްވި ބަޔާނާ ގުޅިގެންނެވެ. މީގެއިތުރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީވެސް ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށް އޮތް ބިރެއްކަމަށް ކެނެޑާ ދެކެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ކެނެޑާގެ މިފިޔަވަޅުތަކަށް ތަޢްރީފް ކުރައްވާފައެވެ. ނަތަނިޔާހޫ ވިދާޅުވީ ކެނެޑާއަކީ ވަރަށް ހިއްވަރު ގަދަ ޤައުމެއް ކަމަށާއި އީރާންފަދަ ޓެރަރިސްޓް ޤައުމުތަކާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި ކެނެޑާއިން ދުނިޔޭގެ އެހެން ޤައުމުތަކަށް މިދެއްކީ ވަރަށް ރަނގަނޅު ނަމޫނާއެއްކަމުގައެވެ.
ކެނެޑާއަކީ ތަރައްޤީގެ ރޮނގުގައި ވަރަށްބޮޑަށް ކުރިޔަށްގޮސްފައިވާ މުއްސަނދި އަދި ވަރަށް އިންތިޒާމްތައް ރަނގަނޅު ޤައުމެއްނަމަވެސް އެޤައުމަކީ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތައް ވަރަށްބޮޑަށް ވަކިހިއްޕާލާފައިވާ ޤައުމެކެވެ. ކެނެޑާގެ އާންމު ދިރިއުޅުމުން މިކަން ނުފެނުނުނަމަވެސް އެޤައުމުގެ ރަސްމީ ސިޔާސަތުތަކާއި އެޤައުމުން ގެންގުޅޭ ސިޔާސީ ފިކުރުތަކުން މިކަން ވަރަށް ހާމަވަމުންދެއެވެ. ކެނެޑާގެ މިފިޔަވަޅުގެ ސަބަބުން އެޤައުމުގައި ދިރިއުޅޭ އީރާނުގެ ހަތަރު ލައްކައެއްހާ މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)