08 Sep 2012, 22:11
ގއ. ގެމަނަފުށީގައި މިސްކިތެއް އެޅުމަށްޓަކައި މާލޭގެ މަޝްހޫރު ވިޔަފާރިވެރިއަކަށް ހުއްދަ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިރޭ ވިދާޅުވީ ގެމަނަފުށީގައި މިސްކިތެއް އެޅުމުގެ ހުއްދައަކަށް މާލޭގެ މަޝްހޫރު ވިޔަފާރިވެރިއަކު މިނިސްޓްރީގައި އެދުމުން މިދިޔަ ހަފްތާގައި އެ ފަރާތަށް އެ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ޝަހީމް ވިދާޅެއް ނުވެއެވެ.
"އަމިއްލަ ފަރާތަކުން މިހާރު ހުށަހަޅުއްވާފައި ވަނީ ގއ. ގެމަނަފުށީގަ ބޮޑު މިސްކިތެއް އެޅުމަށް. އެއީ ޒަމާނީ ފެންވަރަށް އަޅާ ބޮޑު މިސްކިތެއް. އަޅުގަނޑުމެން އިސްލާމިކް މިނިސްޓްރީން ވާނީ އެފަރާތަށް ހުއްދަ ދީފައި، އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް. އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ. ކުރެހުން ގާތްގަނޑަކަށް ނިމިފައި ވަނީ،" ޝަހީމް ވިދާޅުވި އެވެ.
ގެމަނަފުށީ ކައުންސިލްގެ ޑިރެކްޓާ ޖެނެރެލް މުހައްމަދު ޝިޔާމް މިރޭ ވިދާޅުވީ އެ ރަށުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ހުއްދަ ދޫކޮށްފައި ވަނީ ޝީޝާގެ ތިން ބެއިންގެ ތެރެއިން އަހުމަދު ހަސަން މަނިކަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މިސްކިތް އެޅުމަށް ހަމަޖެހިފައި ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އަހުމަދު ހަސަން މަނިކު ވިދާޅުވެފައިވާ ކަމަށެވެ.
"ކުރިން އިސްލާމިކް މިނިސްޓަރު މިރަށަށް ވަޑައިގަތް ދަތުރެއްގައި ވިދާޅުވެފައި އޮތީ މިރަށުގައި ޒަމާނީ މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް. އޭގެ ފަހުން އަޅުގަނޑާއި ކައުންސިލްގެ ރައީސް މާލެ ކުރި ދަތުރެއްގައި މިނިސްޓަރު ވިދާޅުވީ ޒަމާނީ ފެންވަރުގެ މިސްކިތެއް މި ރަށުގައި އަޅައިދޭނެ ކަމަށް. އޭގެ ފަހުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ޝީޝާ އަހުމަދު މި ރަށުގައި މިސްކިތެއް އަޅުއްވަން އުޅޭ ޚަބަރު. އެހިސާބުން މިނިސްޓްރީން ކައުންސިލަށް އެންގީ ތިމަންނަމެންނަށް ޓަކައި ހަމަޖެއްސި ބިން ޝީޝާ އަހުމަދާއި ހަވާލު ކުރުމަށް،" ޝިޔާމް ވިދާޅުވި އެވެ.