08 Sep 2012, 20:33
މޯލްޑްވްސް މީޑިޔާ ކައުންސިލުން ރާއްޖޭގެ މީޑިޔާތަކާއި އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މީޑިޔާތަކަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުންނާއި މީޑިޔާ ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި މިޑިޔާ ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތަކާއި އަދި ކުރިމަގުގައި އެކައުންސިލުން ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު މީޑިޔާ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވަނީ ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރައްވައިފަ އެވެ.
ބައެއް މީޑިޔާތަކުން ވަނީ ސަރުކާރާއި އެހެނިހެންވެސް ފަރާތްތަކުން މީޑިޔާއަށް ހަމަލާތައް ދޭކަމަށް ބުނެ އެކަން ކައުންސިލާއި ހިއްސާކޮށް އެކަމަށް ހައްލު ހޯދުމަށް ހުށަހަޅާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މީޑިޔާ ކައުންސިލްގެ ޒިންމާތައް އެންމެ އެކަށީގެންވާ ގޮތުގައި ނުނަގާކަން ބައެއް ފަރާތްތަކުން ފާހަގަކުރިއިރު ބައެއް މީޑިޔާ ކައުންސިލްގެ ބައްދަލުވުންތައް މިހާރަށް ވުރެ ބޮޑަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވެ އެވެ.
މިއަދު ބައްދަލުވުމުގައި ބިނާ ކުރުވަނިވި އެކި ހިޔާލުތައް ހުށަހަޅާ މަޝްވަރާތައް ކުރެވުނެވެ. އަދި މީޑިޔާތަކަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅުންހުރި ފަރާތްތައް އެބައްދަލުވުމަށް ގެނެއުމަށް ބައެއް ފަރާތްތަކުން ހުށަހެޅި އެވެ.