08 Sep 2012, 20:18
ފޭދޫ ފިނޮޅު ކައިރިން ހަ މީހުންނާއި އެކު ދަތުރު ކުރި ލޯންޗެއް މިއަދު ބަންޑުންޖަހާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ލޯންޗް ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 6:45 އެހާކަންހާއިރު ކަމަށާއި ލޯންޗް ބަންޑުން ޖަހާލުމާ އެކު އެ ހަމީހުންވެސް ސަލާމަތްވެގެން ފޭދޫފިނޮޅަށް އެރި ކަމަށެވެ. އެ މީޙުން މިހާރު ޕޮލިސް ލޯންޗެއްގައި މާލެ ގެނެސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
"ފޭދޫ ފިނޮޅު ކައިރިން ހަ މީހުންނާއި އެކު ދަތުރު ކުރި ލޯންޗެއް ބަންޑުން ޖެހުނު މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން އިރުއޮއްސި 6:45 އެހާކަންހާއިރު ޕޮލިސް ލޯންޗުގައި ފުލުހުން ގޮސް ވަނީ އެ މީހުން ސަލާމަތް ކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ލޯންޗުން ދަތުރު ކުރި އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
މިއަދު ހަވީރުން ފެށިގެން މާލެ އާއި އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިއަދު ވިއްސާރައިގައި ޅ އަތޮޅާއި އއ އަތޮޅުން ހާލުގައި ޖެހުނު ހަތަރު ދޯންޏަކަށްވެސް އެމްއެންޑިއެފްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.