ގެލެކްސީ އެންޓަރޕްރައިސަސް ފަޅާލައިގެން އެތަނުން ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ކުށް ސާބިތު ނުވެގެން ދޫކޮށްލާފައި ތިބި މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.


ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލީސް މުހައްމަދު ޖަމްޝީދު ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ގެލެކްސީ އޮފީސްފަޅާލައި އެއޮފީހުގައި ހުރި ތިޖޫރި ހަލާކުކޮށްލައިގެން ގެން ގޮސްފައިވަނީ ކާނިވާ ތެރޭގައި ހުރި ގުދަން ސަރަހަށްދަށް ކަމަށެވެ. އެމައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ގދ.ރަތަފަންދޫ، އެއްގަމުގޭ އުމުރުން 20 އަހަރުގެ އަހުމަދު ޝަރީފާއި، ދަފްތަރު އުމުރުން 19 އަހަރުގެ އަބުދުﷲ ނަސީރާއި އަދި ހ.ކުނަހަގާލިގޭ އުމުރުން 18 އަހަރުގެ ޝާފިޢު އަހުމަދު ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އަދި އެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މިދިއަ އަހަރު ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ޝަރީޢަތަށް ސާބިތުނުވެގެން ދޫކޮށްލާފައިވާ ދެ މީހުންކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ. ޖަމްޝީދު ވިދާޅުވީ އެމައްސަލައިގައި ހައްޔަރު ކުރި ތިންވަނަ މީހާއަކީ މާލޭގައި ހިންގާ ބޮޑެތި މާރާމާރީތަކުގެ ތުހުމަތުގައި ޢާންމުކޮށް ފުލުހުން ހައްޔަރު ކުރާ މީހެއް ކަމަށެވެ.


އެ ތިން މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ.


ތިޖޫރީގެ ތެރޭގައި ފަސްލައްކަ ފަސްދޮޅަސް ދެހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ އާއި ހަތްހާސް އަށްޑިހަ ހަތަރު އެމެރިކާ ޑޮލަރުގެ އިތުރުން އާއި ގިނަޢަދަދެއްގެ ޗެކްތަކަކާއި ގެލެކްސީ އޮފީހުގެ މުހިންމު ލިޔެކިއުންތައް ހުރި ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ. ނަމަވެސް އެތަނަށް ފުލުހުން ދިޔައިރު ތިޖޫރީ ހަލާކުކޮށްލާފައިވީ ނަމަވެސް އެއްވެސް އެއްޗެއް ތިޖޫރީން ގެއްލިފައިނުވާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.


ޖަމްޝީދު ވިދާޅުވީ ތިޖޫރީ ވަގަށްނެގި މީހުން ތިޖޫރި ހިފައިގެން އޮފީހުން ނުކުމެފައިވަނީ އެއޮފީހުގެ މައިދޮރުން ކަމަށެވެ.