ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ ބޮޑު ރޯދަވީއްލުން ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވައި، މުޅި އަވަށުގެ އެކުވެރިކަމާއި ބަދަހިކަން ގެނުވައިފިއެވެ.

މި ހަރަކާތް އިންތިޒާމުކުރި ޒުވާނުން "ސަން"އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެ އަވަށުގައި މިފަދަ ބޮޑު ޖަމާއަތުގައި ބޭއްވި ފުރަތަމަ ރޯދަވީއްލުމެވެ.

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން، ބާއްވާ ބޮޑު ރޯދަވީއްލުން---ފޮޓޯ/ ފޮނަދޫ ޒުވާނުން

ކޮންމެ އަހަރަކު ވެސް ބަރާސީލް އަވަށު ޒުވާނުން އިސްނަގައިގެން މުޅި އަވަށަށް ޚާއްސަކޮށްގެން ބާއްވާ މި ރޯދަވީއްލުމަކީ އަވަށުގެ ހަގު، ދޮށި، އަދި ޒުވާން، ހުރިހާ ފަންތިއެއްގެ އެންމެން އެއް ތަނަކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހިންގާ އިޖުތިމާއީ ބޮޑު ހަރަކާތެކެވެ.

މި އަހަރުގެ ރޯދަވީއްލުމުގައި އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، މި ރޯދަ ވީލުމުގައި ފޮނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެން، ޒުވާނުންނާއި ރައްޔިތުންނާ ބައްދަލުކުރައްވައިފައިވެއެވެ.

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ރޯދަވީލުމުގައި ރައްޔިތުންމަޖިލީހުގެ ރައީސް، ޢަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިނެވި--

މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ޒުވާނުން ބުނީ، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ވެސް މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުން ކަމަށެވެ. އަދި، މި ފަހަރުގެ ރޯދަވީއްލުމަށް ލިބުނު ބޮޑު ތަރުހީބާ އެކު އެ މަގުސަދު ހާސިލުވެފައިވާ ކަމަށާއި މިއީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި އިންތިޒާމުކުރި ޒުވާނުން ފާހަގަކުރެއެވެ.

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން، ބާއްވާ ބޮޑު ރޯދަވީއްލުން---ފޮޓޯ/ ފޮނަދޫ ޒުވާނުން

މިފަދަ އިޖުތިމާއީ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އެއްބައިވަންތަކަން އިތުރުވާކަން ބަރާސީލް އަވަށުގެ އެ ޒުވާނުން ފާހަގަކުރެއެވެ.