08 Sep 2012, 19:38
މިއަދު ބޭއްވި ހދ. ނެއްލައިދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން އަމިއްލަ ގޮތުން ކުރިމަތިލި ފާރޫގު އަދާމް ކާމިޔާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ފާރޫގު ބައި އިލެކްޝަން ގޮނޑި ކާމިޔާބު ކުރެއްވީ 198 ވޯޓުލިބިގެންނެވެ. އެއީ ވޯޓުލީ މީހުންގެ 45.73 އިންސަތަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވާދަކުރި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް 162 ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓަށް ލިބިފައިވަނީ 73 ވޯޓު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާއިން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ
779 މީހުންގެ ތެރެއިން 456 މީހުން ވޯޓުލާފައިވާ ކަމަށާއި އޭގެ ތެރެއިން 23 ވޯޓު ބާތިލް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދު ބޭއްވި ބައި އިލެކްޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ. ރ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަނާއި މ. ރަތްމަންދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން މި މަހު 22 ވަނަ ދުވަހު އޮންނާނެ އެވެ.