ކޫއްޑޫން: އަހުމަދު ސާއިލު އަލީ

ކޫއްޑޫ އެއާޕޯޓް ހިންުގުމަށް ބޭނުްވާ ލައިސެންސް ނުވަތަ ވަރަށް އަވަހަށް ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް، އެ އެއާޕޯޓުގެ ކޮންޓްރެކްޓާ ކޭއެޗްއޭ ރިސޯޓުސް އެންޑް ހޮޓެލްސްގެ ޗެއަމަން މުހައްމަދު އަލީ ޖަނާހު(ޖަނާ) ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ކުންފުއްޏެއް ކަމަށްވާ ބޮނަވިސްތާ އިން އިންސްވެޓުކޮށް ކޫއްޑޫގައި ހެދި އެއެއއާޕޯޓް މިއަންނަ ހޯމަ ދުވަހު ހުޅުވަން ހަމަޖެހިފައިވާއިރު ޖަނާ މިއަދު ވިދާޅުވީ އެދުވަހުން ފެށިގެން އެ އެއާޕޯޓަށް ލައިސަންސް ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށާއި ހަމަ އެ ދުވަހު އެ އެއާޕޯޓުން ކޮމާޝިއަލް އޮޕަރޭޝަންތަށްވެސް ފެށޭނޭ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބަރުލުން ލިބެމުން އަންނަ ކަމަށެވެ.

"މިހާރުގެ ހަރަކާތްތަށް މިދަނީ ވަރަށް ގާތް އެކުވެރި ގުޅުމެއްގެ ތެރެއިން، އެހެންކަމުން އަޅުގަނޑު އެކަމަށްޓަކައި ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލަށް ވަރަށްބޮޑަށް ޝުކުރުވެރިވަން، އަދި ދެންމެ ވިލިގިލީ ކައުންސިލްގެ ރައީސް އަޅުގަނޑުކައިރި ވިދާޅުވި ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުނުގެގޮތުން އެކިއެކި ސުކޫލްތަކުންނާއި އަދި އެކިއެކި ގޮތްގޮތުން ފަސް ސަތޭކަ ބޭފުޅުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އައިޓަމްސްތަށްވެސް ގެނެސްްދިނުމަށް އެކިއެކި ރަށްރަށަށް އަޅުގަނޑުމެން މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން" ޖަނާ ވިދާޅުވި އެވެ.

އެއެއާޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ކޫއްޑޫ އާއި އެރަށާއި ކައިރި ރަށްރަށުގައި ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އެގޮތުން މިއަދު އެއެއާޕޯޓަށް ޓެސްޓް ފްލައިޓް ވަނީ ކަމިޔާބު ކަމާ އެކު ޖައްސައިފަ އެވެ. އަދި ކުލަގަދަ ރަސްމިއްޔަތަކާއެކު އެއާޕޯޓް ހުޅުވުމަށް ވިލިގިލީ ރައްޔިތުނާއި ގއ. އޮޅުގެ އެހެންރަށްރަށުން އަންނަނީ ބޮޑެެތި ތައްޔަރީތަކެއް ވަމުންނެވެ. ކޫއްޑުގައި ހުޅުވުމަށް ހަމަޖެހިފައިވާ އެއާޕޯޓް ހޯމަ ދުވަހު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކެވެ.