08 Sep 2012, 14:38
ހއ. އާއި ހދ. އަތޮޅުގައި ތިބި ޑީއާރްޕީގެ މެމްބަރުނަށް އަމާޒުކޮށްގެން "ލީޑާސް ފޯރަމެއް" މިއަދު ފަށައިފި އެވެ.
ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި މިއަދު ކުރިއަށް ދާ ފޯރާމާއި ބެހޭ ގޮތުން ޑީއާރްޕީގެ މެންބަރު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފޯރަމަށް ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ޒުވާނުންގެ "ބޮޑު ތަރުހީބެއް" ލިބިގެންދިޔަ ކަމަށެވެ.
ޝަފީއު ވިދާޅުވީ ފޯރުމުގައި ގާތްގަނޑަކަށް 100 ވަރަކަށް މީހުން ބައިވެރިވެފައިވާ ކަމަށާއި ޕާޓީގެ ކަންތައް ހިންގުމުގައި ދިމާވާ ދަތިތަކާއި ބެހޭ ގޮތުން އެ ފޯރުމުގައި މަޝްވަރާ ކުރެވިގެންދިޔަ ކަމަށެވެ.
"ޕާޓީގެ ކަންތައް ހިންގުމުގައި އެ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް ވެސް އެ ބޭފުޅުން ލައްވާ ފާހަގަ ކުރައްވާ، ޕާޓީގެ ކަންތައް ކުރިއަށް ގެންދިއުމަށް އެ ބޭފުޅުންގެ މަޝްވަރާތައް ހޯދިގެން ދިޔަ މި ފޯރުމުގައި،" ޝަފީއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ފޯރަމުގެ ސަބަބުން ޑީއާރުޕީގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ހިޔާލު ބަދަލުކޮށް ގިނަ މަޝްވަރާތަކެއް ކުރެވިގެންދިކަމަށާއި ފޯރަމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެފަދަ ފޯރަމްތައް ކުރިއަށް އޮތް ތާނގައި އެ ޕާޓީން ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.