'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި އަމިއްލަ ފަރާތެއްގެ އެހީގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަމިއްލަ ފަރާތެއްގެ އެހީތެރިކަމާ އެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. މި މިސްކިތް ވާނީ މާލެ ސަރަޙައްދުގައި އަޅާ ޖާގަ ތަނަވަސް، 1،500 މީހުންގެ ޖާގައިގެ މިސްކިތަކަށެވެ.

މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ވުޒާރާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.