08 Sep 2012, 14:09
ސާޅީސް ހަވަނަ އޭޝިޔަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ބޮޑީ ބިލްޑަރުން މިމަހުގެ 17 ވަނަ ދުވަހު ޗައިނާއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.
ބޮޑީ ބިލްޑް ފެޑަރޭޝަންގެ ޖެނެރަލް ސެކެއްޓެރީ އަހުމަދު އަމީން ވިދާޅުވީ، ޗައިނާގެ ގޮވަންޒޯގައި ބާއްވާ މިމުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ހަތަރު ބޮޑީ ބިލްޑަރުން ކަމަށާއި އެ ހަތަރު ބިލްޑަރުން ނަކީ މިއަހަރު ބޭއްވި ބޮޑީ ބިލްޑިން މުބާރާތުގައި ވާދަކުރި ފަސް ކެޓަގަރީގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ކެޓަގަރީން އެއް ވަނަ ހޯދި ބޮޑީ ބިލްޑަރުން ކަމަށެވެ.
"މުބާރާތައް ތައްޔާރު ވުމަށްޓަކައި ބިލްޑަރުންގެ ފަރިތަކުންތައް މިހާރު ވަނީ ފަށައިފަ. މިފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ޗައިނާއަށް ދާނީ ހަތަރު ބިލްޑަރުން" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް ޗައިނާއާށްދާ ހަތަރު ބޮޑީ ބިލްޑަރުން ނަކީ 2011 އަދި 2012 ވަނަ އަހަރު ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ކަސްޓަމްސްގެ އާދިލް މުހައްމަދާއި މިއަހަރު ރާއްޖޭގައި ބޭއްވި މިސްޓަ މޯލްޑިވްސްގެ މުބާރާތުގައި 60 ކިލޯ އިން ދަށުގެ ކެޓަގަރީ ކާމިޔާބުކުރި އެމްއެންޑީއެފްގެ މަހުމޫދު ޒިޔާދާއި 65 ކިލޯ އިން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދި އެމްއެންޑީއެފްގެ މުހައްމަދު އިބްރާހިމް އަދި 70 ކިލޯ އިން މަތީގެ ކެޓަގަރީ ކާމިޔާބުކުރި ގިޔާސް އިބްރާހިމް އެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން އޭސިޔާގެ 25 އަށް ވުރެ ގިނަ ގައުމުން ވާދަ ކުރާ ކަމަށް ވެސް ބޮޑީބިލްޑް ފެޑަރޭޝަނުން ބުނެއެވެ.