ޗައިނާގެ ސަންޔާގައި ބާއްވާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އެތުލެޓިކްސްއަށޤ ރާއްޖެއިން ވަރުގަދަ ޓީމެއް އެކުލަވާލައިފިއެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަކީ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ހައްވާ މުޒްނާ ފާއިޒު، އަހުނާ ނިޒާރު، އައިޝަތު ޝަބާ ސަލީމު އަދި ޝުއާ އަހުމަދު ރިޝްފާނެވެ.

ރާއްޖޭގެ މި އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައިވަނީ 60 މީޓަރު ދުވުމުގެ އިތުރުން ހަތަރެއް ގުނަ 60 މީޓަރު ރިލޭގައެވެ.

އޭޕްރީލް 23-26 ގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާއިރު، މިއީ މި ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ފަސްވަނަ ފަހަރެވެ.

އެތުލެޓިކްސްގެ އިތުރުން މިފަހަރުގެ ބީޗް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ހޭންޑްބޯޅަ، ވޮލީބޯޅަ ސްވިމިންއެވެ. މީގެތެރެއިން ހޭންޑްބޯޅައިގައި ރާއްޖެއިން ވާދަކުރަނީ ފިރިހެން ޓީމު އެކަންޏެވެ.

މުބާރާތް ފުރަތަމަ ބާއްވަން ތާވަލުކުރީ 2020 ވަނަ އަހަރުގައެވެ. އެފަހަރު ހަ ވަނަ އެޑިޝަން ސަންޔާގައި ބާއްވަން ތައްޔާރުވި ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން މުބާރާތް ފަސްކުރިއެވެ.