08 Sep 2012, 13:25
ކ. ތުލުސްދޫ ދޯންޏަކުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވަނީ ތުލުސްދޫ "ކިންގް ފިޝާ" ދޯންޏަށެވެ.
އެ ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދު މިއަދު ބުނީ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ތުޅާގިރި ރިސޯޓު ކައިރިން ކަމަށާއި އޭގައި 13.5 ކިލޯ ހުރި ކަމަށެވެ.
"ތުޅާގިރި ރިސޯޓު ކައިރިން މިއަދު ހެނދުނު 7:30 އެހާކަންހާއިރު ]މާވަހަރު[ ފެނުނީ. އޭގައި ހުރީ 13.5 ކިލޯ. މާވަހަރެއް ކަމަށް ޔަގީން ނުވޭ. ޝައްކެއްގެ މަތީގައި މިތިބީ،" ރަޝީދު ބުންޏެވެ.
އޭނާ ބުނީ އެއީ މާވަހަރެއްތޯ ކަށަވަރު ކުރުމަށް ޓަކައި ދޯނީގެ ވެރިފަރާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ މާވަހަރު ކަމަށް ބެލެވޭ ވަރަށް ގިނަ އެއްޗިހިތަކެއް ފެނިފަ އެވެ. ނަމަވެސް އެތަކެތި ތަހުލީލު ކުރުމުން އެއީ ޖަނަވާރުގެ ސަރުބީ ކަމަށް ތަހުލީލު ރިޕޯޓުތަކުން ވަނީ ދައްކައިފަ އެެވެ.
މި އަހަރުގެ މާޗް މަހުގެ ފަހުކޮޅު ގ. ޑްރީމްއޮފް ގާޑަން، މުހައްމަދު އަނިލްގެ "ނަސްރު" ދޯނިން ހޮވާފައި ވަނީ 20 ކިލޯގެ މާވަހަރެއް ކަމަށް އެ "މާވަހަރު" ތަހުލީލު ކުރުމުން ވަނީ ޔަގީން ވެފަ އެވެ.