ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ކަށަވަރުކޮށްދީފިއެވެ.

މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލުކުރުމުން ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާދިސާ ހިނގި ވަގުތު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ފުލުހުންގެ އެހީތެރިކަމާއެކު އެ ފުލުސް މީހާ ހިޔާގެ އެޕާޓްމަންޓަކުން ނެރެގެން ގެންދިޔައިރު އޭނާގެ ބޯފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ އަންނަމުންދިޔައެވެ. އަދި އެ ވަގުތު އާންމުންގެ ބަޔަކު އޭނާއާ ކުރިމަތިލުމަށް މަސައްކަތް ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ ހާދިސާއަށްފަހު، އަނިޔާވި ފުލުސް މީހާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އާންމުން ވަނީ ވަރަށް ހުތުރު ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް، އެ ތުހުމަތުތަކާ ގުޅިގެން އެ ފުލުސް މީހާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫންކަމެއް ފުލުހުންގެ އިދާރާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ، އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށާއި، އޭނާއަށް ހަމަލާދީފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި މައްސަލައިގެ ވަށައިގެންވާ ކަންކަން ބަލަމުންދާ ކަމަށާއި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެއެވެ.