އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް މިއަދު ފޮނުވާލަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ "ދަ ބިޒްނަސް ސްޓެންޑާޑް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހުންކަމަށްވާ ސަފީގުލް އިސްލާމާއި، އެމްޑީ ސާދަރު އަލީގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ފޮނުވާލާނެއެވެ.

މި ދެ މީހުންގެ އިތުރުން، މި ހާދިސާގައި ދެން މަރުވީ ތާޖް އުދިން އިސްލާމާއި، އެމްޑީ ރޮބިން މޮއްލާއާއި، އެމްޑީ ނަބީސަރްކާރެވެ.

މި ހާދިސާގައި އަނިޔާވި އިތުރު ދެ މީހަކަށް އަންނަނީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ދެ މީހުންގެ ހާލު ވެސް ސީރިއަސްއެވެ.

ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރެވެ. މި ހާދިސާއާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ބިދޭސީން އުޅެމުން ދިޔަ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިދިޔަ ހުކުރު ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ.