ހައްޖަށް މީހުން ގެންދާ ޖަމާއަތްތަކަށް ހުއްދަ ދޫކޮށްފައި އޮންނަ އަދަދަށް ވުރެ އިތުރަށް ނަންނޯޓްކޮށް ފައިސާ ނެގުމުން ބައެއް މީހުންނަށް ހައްޖަށް ނުދެވޭގޮތް ދިމާވެ، ޝަކުވާ ބޮޑުވެއްޖެ އެވެ.

އެގޮތައް ދިމާވި ބައެއް މީހުން ވަނީ ސަން އޮންލައިންއަށް ގުޅައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މޫސާ އަންވަރު ހަސަން މިއަދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހައްޖު ކޯޓާގެ ގޮތުގައި ސައުދީން ރާއްޖެ އަށް ދޫކުރަނީ 1000 މީހުންގެ ޖާގަކަމަށެވެ. އަންވަރު ވިދާޅުވީ ސަރުކާރުން އެދުމުން ފާއިތުވި އަހަރުތަކުގައި އިތުރު 500 މީހުންގެ ކޯޓާ ސައުދީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި ބައެއް ޖަމާއަތްތަކުން ފައިސާ ނަގާފައި ވަނީ މިއަހަރު ވެސް އިތުރަށް މީހުން ގެންދިޔުމަށް ފުރުސަތު ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް އެ ފުރުސަތު ސައުދީ ސަރުކާރުން މިއަހަރު ދީފައިނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ސައުދީ ސަރުކާރުން ނިންމާފައި ވަނީ އެއްވެސް ގައުމަކަށް އެ ގައުމަކަށް ކަނޑައަޅާފައި އޮންނަ އަދަދަށް ވުރެ އިތުރަށް އެއްވެސް ޖާގައެއް ނުދޭގޮތަށް. ނަމަވެސް ބައެއް ޖަމާއަތްތަކުން އިތުރަށް ޖާގަ ލިބޭނެ ކަމަށް ބަލައިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައި އެބަހުރި، އެހެންވީމައި މި މައްސަލަ ދިމާވެގެން އުޅެނީ،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތައް ފައިސާ ނަގާފައި ވަނީ އޮޅުވާލައިގެންކަން އެނގިފައި ނުވާ ކަމަށާއި ޖާގައަށް ވުރެ އިތުރަށް ފައިސާ ނަގާފައިވާ ޖަމާއަތްތަކުން އެމީހުންނަށް ފައިސާ އަބުރާދޭނެކަން މިހާރު އަންގާފައިވާ ކަމަށެވެ. "އެ ފައިސާ އަބުރާ ދޭގޮތަށް ކަމަށް އެ ޖަމާއަތްތަކުން މިހާރު ވަނީ މީހުންނަށް އަންގާފައި،" އަންވަރު ވިދާޅުވި އެވެ.

ހައްޖު ޖަމާއަތަކުން ވާހަކަ ދެއްކި އޮފިޝަލަކު ވެސް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ބައެއް ޖަމާއަތްތަކުން ހުއްދަދީފައި އޮންނަ އަދަދަށް ވުރެ އިތުރަށް މީހުން ގެންދިޔުމަށް ނަންނޯޓުކޮށް އެމީހުންގެ އަތުން ފައިސާ ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތުލިބިފައި އޮތްގޮތުން އެ ފައިސާ ނެގި އިރު ވެސް އެމީހުންނަށް އަންގާފައި އޮތީ އެ މީހުންނަށް ފަހަރެއްގައޭ ދެވޭނީ، އަދި ރިފަންޑްކޮށްދޭވަމޭވެސް، އެއީ ކޮންމެ އަހަރަކު ވެސް ބައެއް ޖަމާއަތްތަކުން ހަދާގޮތެއް،" އޭނާ ބުންޏެވެ.

ހައްޖަން ދާން ނަންނޯޓުކުރާ އެންމެންނަށް ހައްޖަށް ނުދެވުމުގެ މައްސަލަ ކޮންމެ އަހަރަކުހެން ފެންމަތިވެ އެވެ. އަދި ބައެއް ޖަމާއަތްތަކުން އޮޅުވާލައިގެން ފައިސާ ނަގައި މައްސަލަތައްވެސް ފެންމަތިވެ އެވެ.