02 Sep 2010, 19:12
ރައްޔިތުންގެ މަޖިލީހުން ޗުއްޓީ ނެގިކަމުގައި ވިޔަސް، ޖަލްސާއެއް ބާއްވައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ ނަން ފާސްކުރުމަށް މަދަނީ އިއްތިހާދުން ގޮވާލައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ އެޗްއާރްސީއެމްގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމާ ގުޅޭ ގޮތުން ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކޮށް، 9 ޖަމިއްޔާއެއް ހިމެނޭ މަދަނީ އިއްތިހާދުން ވަނީ މިއަދު ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
މަދަނީ އިއްތިހާދުގައި ހިމެނޭ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުގެ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އިރުފާން މިއަދު ވިދާޅުވީ، ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މައިގަނޑު ދެކަމަކާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް، އެޗްއާރްސީއެމްގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންތަކާ މެދު ގޮތެއް ނުނިންމާ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމަކީ ޖަމިއްޔާތަކުން ވަރަށް ހިތާމަކުރާ ކަމެއް ކަމަށް އިރުފާން ވިދާޅުވި އެވެ. އަދި އެ ނަންތަކުގެ ތެރޭގައި ފިރިހެން ބޭޅެއްގެ ނަން ނެތުމުން އެކަމަށް ފާޑުވިދާޅުވެ، އަންހެނުންނަކީ އެ ކޮމިޝަން ހިންގުމަށް އެކަށީގެންވާ ބައެއް ނޫން ކަމަށް ދޭހަވާ ގޮތަކަށް މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަދައްކަވާފައިވާތީ، އެކަން ކުށްވެރިކުރާ ކަމަށް ވެސް އިރުފާން ވިދާޅުވި އެވެ.
އިރުފާން ވިދާޅުވީ، އެޗްއާރުސީއެމްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާ، އަދި ކޮމިޝަނުގެ މަސައްކަތްތައް ހަވާލުކުރައްވަނީވެސް ރައީސް ނުވަތަ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅުން ކަމަށްވާއިރު، އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވިފައި ނެތުމަކީ ކޮމިޝަނަށް އުނިކަމެއް އައިސް، މަސައްކަތްތަކަށް ޤާނޫނީ ގޮތުން ހުރަސް އެޅޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެއްމަސް ދުވަހުގެ ޗުއްޓީގެ ކުރިން ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް ބާއްވާ، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ގެ ނަން ފާސްކުރުމަކީ މަދަނީ ޖަމިއްޔާތަކުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ބައެއް ކޮމިޝަނުތަކުގެ ރައީސްކަމާއި ނައިބު ރައީސްކަން އަންހެން ބޭފުޅުންނަށް ދިނުމަކީ އިންސާނީ ހައްގުތަކާ ބީރައްޓެހި ކަމެއް ނޫން ކަން ފާހަގަކުރައްވާ އިރުފާން ވިދާޅުވީ، މަދަނީ އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ، ވަކި ބޭފުޅެއްގެ ޖިންސަށް ނުބައްލަވާ، މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅުން އައްޔަންކުރުމަށް ނިންމެވުމަށް ކަމަށެވެ.