08 Sep 2012, 12:39
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ރޭ މޮލްޑޯވާއާއި ދެކޮޅަށް ކުޅުނު މެޗް 5-0 ލަނޑުން ފަސޭހަ ކަމާއެކު އިނގިރޭސިވިލާތުން ކާމިޔާބު ކޮށްފި އެވެ.
ގްރޫޕް އެޗްގައި މޮލްޑޯވާއާއި ދެކޮޅަށް ރަށުން ބޭރުގައި އިނގިރޭސީން ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ކާމިޔާބު ކުރީ އިންގްލޭންޑުންނެވެ. އެލަނޑު އިންގްލޭންޑަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި އިންގްލޭންޑަށް ދެ ގޯލް ކާމިޔާބު ކޮށްދިން މިޑްފީލްޑަރު ފްރެންކް ލަމްޕާޑެވެ. އަދި ފަހު ހާފުގައި ކެޕްޓަންކަން ކުރި ލަމްޕާޑުގެ ދެ ވަނަ ލަނޑު މޮލްޑޯއާ ކޮޅަށް އޭނާ ޖެހީ މެޗުގެ 29 ވަނަ މިނެޓުގައެވެ.
މޮލްޑޯވާ ކޮޅަށް އިންގްލޭންޑުން ޖެހި އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ޖަމައިން ޑެފޯއެވެ. އަދި ރޭގެ މެޗުގައި މޮލްޑޯވާ ކޮޅަށް އިންގްލޭންޑުން ޖެހި އެޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި މިޑްފީލްޑަރު ޖޭމްސް މިލްނާ ކާމިޔާބު ކޮށްދިންއިރު، ފަސް ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އިންގްލޭންޑަށް ކާމިޔާބު ކޮށްދިނީ އެވަޓަންއަށް ކުޅެމުންއަންނަ ޑިފެންޑަރު ލެގްޓަން ބައިނީސްއެވެ.
ރޭގެ މެޗަށް ފަހު އިންގްލޭންޑުގެ މިޑްފީލްޑަރު ފްރެންކް ލަމްޕާޑު ބުނީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗުން މޮޅުވުމުން އުފާވާ ކަމަށާއި މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ހިތް ހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މޮލްޑޯވާ އަތުން ލިބުނު ކާމިޔާބީގެ އަލީގައި އަންނަ ބުދަ ދުވަހުގެ ރޭ ޔޫކްރޭނާއި ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މެޗަށް ނިކުންނައިރު ޓީމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ވެސް ލަމްޕާޑް ބުންޏެވެ.
ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ތުރުކީ އަތުން 2-0 ލަނޑުން ނެދަލެންޑްސް މޮޅުވިއިރު، ފްރާންސް ވަނީ ފިންލޭންޑް އަތުން 1-0 ލަނޑުން މޮޅުވެފައެވެ. އަދި އަދި ބަލްގޭރިއާ އާއި އިޓަލީ މެޗް 2-2 ލަނޑުން އެއްވަރުވެގެން ނިމުނު އިރު، ފެރޯއައިލޭންޑްސްއަތުން ޖަރުމަން މޮޅުވީ 3-0 ލަނޑުންނެވެ. އަދި އެމެރިކާ އަތުން ޖެމެއިކާ 2-1 ލަނޑުން މޮޅުވިއިރު، ކޮސްޓަރިކާ ވަނީ މެކްސިކޯ އަތުން 2-0 ލަނޑުން ބަލިވެފައެވެ.