އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ސަރުކާރުގެ ޕްރޮޖެކްޓް ހުއްޓުވައި ޕޮރޮޖެކްޓައް ހިންގުމަށް ހުރަސްއަޅަން އޮތް ތަނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވެފައި ވަނީ ބޯޑާ ކޮންޓްރޯލް ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އޭސީސީ އަށް ނުހުއްޓުވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭސީސީ އިން ދައްކާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެން، ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި، ރައީސް ވިދާޅުވީ އޭސީސީއަކީ ކޮރަޕްޝަނުގެ މައްސަލަތައް ތަހްގީގު ކުރުމަށް އޮންނަ ތަނެއް ކަމަށާއި އޭސީސީ އަށް ޕްރޮޖެކްޓަތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އޭސީސީ އަކީ އެއީ ސަރުކާރުގައި ހިނގާ ކަރަޕްޝަނުގެ ކަންތައްތައް ތަހުގީގު ކުރުމަށްޓަކައި އޮންނަ ތަނެއް. އޭސީސީ އަކީ ޕްރޮޖެކްޓްތައް ހުއްޓުވައި ޕްރޮޖެކްޓަތަކަށް ހުރަސްއަޅާ މިހެން ހަދަން އޮންނަ ތަނެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަޝްރޫއު ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭސީސީ އަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ބައެއް ފަނޑިޔާރުން ވެސް ވަނީ ވިދާޅުވެފައި ކަމަށެވެ.

"ބައެއް ފަނޑިޔާރުން ވެސް އެކަމަށް ރައްދުދެއްވާފައި، އެބޭފުޅުން ވިދާޅުވެފައި އެވަނީ ]ބޯޑާ ކޮންޓްރޯލްގެ މަޝްރޫއު ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިފައިނުވާ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރާ[ގުޅިގެން އޭސީސީގެ ބާރުތައް އުނިވާ ކަމަށް ގަބޫލު ނުކުރައްވަމޭ،" ބޯޑާ ކޮންޓްރޯލްގެ މަޝްރޫއު ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ޖުޑީޝަރީގެ މީޑިޔާ ޔުނިޓުން ނެރެފައިވާ ބަޔާނާ ބާރު ދެއްވައި ރައީސް ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލް މަޝްރޫއު ހުއްޓުވާ ނުލެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭސީސީ އިން ބުނެފައި ވަނީ ހުކުމުގެ ސަބަބުން ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިނގަމުން ދިޔަ ނަމަވެސް އެކަމެއް ހުއްޓުވުމުގެ ބާރު އޭސީސީ އަށް މިއަދު ނެތް ކަމަށާއި އެ ކޮމިޝަންގެ "އަތާއި ފައި ވަނީ ބަނދެވިފައި" ކަމަށެވެ.

ނަމަވެސް އޭސީސީގެ އެ ވާހަކަތަކަށް ރައްދުދީ ޖުޑީޝަރީގެ މީޑިޔާ ޔުނިޓުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އެ ހުކުމުގެ ސަބަބުން އޭސީސީގެ ގާނޫނީ ބާރަށް އުނިކަމެއް ނާންނާނެ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް ނިޒާމު ބައްޓަންކޮށްފައި ވަނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓާ ދުވަހުން ފެށިގެން 22 އަހަރުވަންދެން ރާއްޖެ އަންނަ އަދި ފުރާ ކޮންމެ މީހެއްގެ އަތުން ދެކޮޅަށް ހަތަރު ޑޮލަރު ނަގާ ގޮތަށެވެ. އަދި އަލަށް ހައްދާ އަދި އައުކުރާ ކޮންމެ ވިސާ ކާޑަކުން 15 ޑޮލަރު ނަގާ ގޮތަށެވެ.

އޭސީސީ އިން ތުހުމަތު ކުރަނީ މެލޭޝިޔާގެ ނެކްސް ބިޒުން ހިންގާ މަޝްރޫއުގައި މަތީ ދަރަޖައަކަށް ކޮރަޕްޝަަން އެކުލެވޭ ކަމަށެވެ.