މި އަހަރުގެ މިހާތަނަށް ނުވަ ކްރޫޒްލައިނާއެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ ކްރޫޒްލައިނާތަކުން 15،000އާ ގާތްކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރީން ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ރާއްޖެއަށް ދެ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށް، އެ ދެ ބޯޓުގެ އިމްގްރޭޝަން ކްލިއަރެންސްގެ ކަންކަން ކުރިއަށްގެންގޮސްފައި ވާކަމަށް ބުނެފައެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ ނުވަ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައި ވާއިރު، އެ ކްރޫޒްލައިނާތަކުގައި ޖުމްލަ 14،960 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެވެ.

އެ ކްރޫޒްލައިނާތަކުގެ ތަފުސީލަށް ބަލާއިރު:

  • ޖަނަވަރީ 12ގައި - 970 ފަތުރުވެރިން

  • ޖަނަވަރީ 23ގައި - 1037 ފަތުރުވެރިން
  • ފެބުރުވަރީ 07ގައި - 165 ފަތުރުވެރިން
  • ފެބުރުވަރީ 14ގައި - 3904 ފަތުރުވެރިން
  • ފެބުރުވަރީ 16ގައި - 2553 ފަތުރުވެރިން
  • ފެބުރުވަރީ 19ގައި - 1037 ފަތުރުވެރިން
  • މާރިޗު 04ގައި - 2736 ފަތުރުވެރިން
  • މާރިޗު 12ގައި - 1210 ފަތުރުވެރިން
  • މާރިޗު 13ގައި - 1348 ފަތުރުވެރިން

ރާއްޖެއަށް އަންނަ ކްރޫޒްލައިނާގެ އަދަދު އިތުރު ކުރުމަށް، ސަރުކާރުން އަންނަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްގީކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ، އީރާނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ދުވަސްވަރެކެވެ. އެގޮތުން މިދިޔަ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި ރައްދުގައި އީރާނުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.

އޭގެ ސަބަބުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ރޫޓްތައް ބަންދުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ ޖުމްލަ 540,674 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރު އަދަދެއް ނަމަވެސް، މި މަހުގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދު ވަނީ 23.6 ޕަސެންޓް ދަށްވެފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ.