08 Sep 2012, 12:10
ކްރިމިނަލް ކޯޓު ހިންގުމަށް އެސްޓީއޯ ކުރިން ހިންގި އިމާރާތް ހަމަޖައްސައިފި އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ލޯކަލް މާރުކޭޓު ކުރިމަތިން ތީމުގޭގެ ފަހަތަށްވާ ގޮތަށް ހުންނަ އެ އިމާރާތުގައި ކްރިމިނަލް ކޯޓު ހިންގުމަށް ހަމަޖައްސައި އެތަން މަރާމާތު ކުރުމަށް މިހާރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިމާރާތަކީ ހަތަރު ބުރީގެ އިމާރާތަކަށް ވުމުން މިހާރު ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބުނު އެ އިމާރާތް މަރާމާތްކޮށް ނިމުމުން އެތަން ކްރިމިނަލް ކޯޓާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދަނީ ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާގަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓަށް އިމާރާތެެއް ހަމަޖައްސާފައިވާކަން އަދި އެ ކޯޓަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓުގެ މަސައްކަތަށް ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިވެފައިވާކަމަށް މަނިކު ވެސް ވިދާޅުވި އެވެ. އެގޮތުން ޝަރީއަތް ކުރާ ކޮޓަރީގައި އެކަށީގެންވާ ވަރަށް ޖާގަ ނެތުމާއި އާންމުން ބޭނުން ކުރަން ވެސް ހުންނަނީ ކުށްވެރިން ބޭނުންކުރަން ހުންނަ ފާޚާނާ ކަމަށް ވެސް މަނިކު ވަނީ ފާހަގަކުރައްވާފަ އެވެ.
ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދަ ކުށްވެރިން ކޯޓުގެ މުވައްޒަފުންނާއި ދިމާކުރުމުގެ އިތުރުން ކޯޓުގެ މުވައްޒަފުންގެ ގަޔަށް ކުޅުޖަހާ ހަދަމުންދާކަން ވެސް ފާހަގަކުރެވެ އެވެ.