މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ޒަކާތު ހައުސްއިން ވަނީ މާލެ ސަރަޙައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ކަމަށެވެ.

މިއަދާއި މާދަމާ ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން 12:00 އަށް ކަމަށާއި އެއަށްފަހު ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް ގޮވާމުން ޒަކާތް ބަލައި ގަންނާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. އަދި އާންމުކޮށް ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އާދައިގެ ހަނޑޫ

  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ޒަކާތު ހައުސްއިން އަންނަނީ އޮންލައިންކޮށް، ހަތް ޕްލެޓުފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަންނަމުންނެވެ. އެއީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް

  • އުރީދޫ އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މި ރޯދަމަހުގެ ފުރަތަމަ 15 ދުވަސްތެރޭ، ފިތުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ފާއިތުވި ތިން އަހަރު ވެސް އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.