08 Sep 2012, 10:22
އެއާޕޯޓުގައި މިހާރު ރަންވޭ އައު ކުރުމަށް ޖީއެމްއާރުން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށާއި އެ ޕްރޮޕޯސަލާ އެއްގޮތަށް އަމަލުކުރާ ނަމަ އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ފެށުމަށް ހުއްދަ ދޫކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަމްހީދު ވިދާޅުވީ އެއާޕޯޓުގެ މާސްޓާޕްލޭނާ އެއްގޮތަށް އެއާޕޯޓް ޑިވަލޮޕްކުރުމުގެ މަސައްކަތް ޖީއެމްއާރުން ކުރިއަށް ނުގެންދިޔަ ނަމަވެސް އެންމެ ބޮޑަށް ކަންބޮޑުވާ ރަންވޭގެ މައްސަލަ ހައްލުކޮށް މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ އެކީ އެކަށް އާ ކުރުމަށް ޖީއެމްއާރުން މިހާރު ހުށަހަޅާފައިވާ ކަމަށާއި އަދި އެމެޖެންސީ ރަންވޭއެއް ހެދުމަށް ވެސް ޖީއެމްއާރުން ހުށަހަޅާފައިވާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ ޖީއެމްއާރުގެ އެދެ ހުށެޙެޅުން ވެސް އެ މިނިސްޓްރީން މިހާރު ގަބޫލުކޮށްފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަދި އަޅުގަނޑުމެން ބޭނުން ނޫން ދިމާލެއްގައި ޓާމިނަލް ހެދި ނަމަވެސް އެ ވެސް ބޭނުންވާ ތަނެއްކަން[ޓާމިނަލް]. އެހެންވެ އަޅުގަނޑުމެން އެންމެ ކަންބޮޑުވާ ދެ މައްސަލަ އެ ޕްރޮޕޯސަލުން ހައްލުވީމާ ، އެއީ އަޅުގަނޑުމެންނަށް އައު ރަންވޭއެއްވެސް ލިބި، އިތުރު ރަންވޭއެއްވެސް ހެދުނީމައި، ޖީއެމްއާރުން ހުށަހަޅާފައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަންޏާ ޓާމިނަލްގެ މަސައްކަތް ފަށަން ހުއްދަދޭން ނުޖެހޭ ސަބަބެއް ނެތޭ އަޅުގަނޑު ދަންނަވާފައި ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އައު ޓާމިނަލްގެ މަސައްކަތް ފެށުމަށް ޖީއެމްއާރަށް އަދި ހުއްދަދީފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ކަމަށް އަދި ޖެހޭނީ އިތުރަށް މަޝްވަރާކުރަން، އެއަށް ފަހު އަދި ހުއްދަދެވޭނީ،" ޝަމްހީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ޖީއެމްއާރުން ޕްރޮޕޯސްކޮށްފައިވާ ގޮތުން މިހާރު އޮތް ރަންވޭ އެކީއެކަށް ކޮނެގެން ނެގުމަށް ފަހު އެ ރަންވޭ އާކުރާނެ އެވެ.
ނަގަން ޖެހޭ ހުއްދަތައް ނުނަގައިގެން ހުއްޓުވާފައި އޮތް ޖީއެމްއާރުގެ އައު ޓާމިނަލްގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަޔާ އެކު އަލުން ފަށާފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ މަސައްކަތް އަދި ފަށާފައި ނުވާކަން ޖީއެމްއާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.