ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހުޅެވި / ބ.ކުޑަރިކިލު، ޢަލީ ނާޖިޙު އަޙްމަދު (29އ) ބަންދުން ދޫކޮށްލައިފިއެވެ.

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް"އަށް އަޕްލޯޑްކޮށް، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އޭނާ ހައްޔަރުކުރީ ފެބްރުއަރީ 13 ގައެވެ.

އޭގެ ފަހުން އެއް ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް މިދިޔަ މަހު 26ގައި އޭނާ ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ މީހުންގެ މައްސަލަތަކަކީ ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގުކުރަމުން އަންނަ ސީރިއަސް މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން މީގެ ކުރިން ބުންޏެވެ.