މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ސަޕްލައި ޗޭނަށް ބުރޫއަރާފާނެކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރަޝިޔާއިން ތެޔޮ ގަތުމާ ގުޅޭގޮތުން ސްރީލަންކާއިން އެ ގައުމާއެކު މަޝްވަރާތައް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސްރީލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތަ ހެރަތު ވަނީ ރަޝިޔާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަން އެސް. ޖަގަރްޔާންއާ މިއަދު ބައްދަލުކުރައްވާފައެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ކުއްލި ބައްދަލުވުމުގައި، މެދުކެނޑުމެއްނެތި ލަންކާއަށް ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި ރަޝިޔާއިން ތެޔޮ ގަތުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތައް ފަށާފައިމިވަނީ، ރަޝިޔާގެ ތެޔޮ ގަތުމަށް ކުރިން އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެންނެވެ. މި ބަދަލާއެކު، ލަންކާއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ހޯދުމުގެ އިތުރު ފުރުސަތެއްގެ ގޮތުގައި ރަޝިޔާގެ ތެޔޮ ގަތުމަށް ލަންކާއިން ދަނީ މަސައްކަތްކުރަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވިޖިތަ ހެރަތު ވަނީ، ލަންކާގެ ތެލުގެ ސަޕްލައި ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅެއްގެ ގޮތުން ރަޝިޔާގެ ތެޔޮ ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޝިޔާގެ ސަފީރު ޖަގަރްޔާން ވަނީ، ސްރީލަންކާގެ މި ހުށަހެޅުން ލަސްނުކޮށް ރަޝިޔާ ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސްރީލަންކާއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެހީތެރިވުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ލަންކާ އިން ވަނީ ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް ވެސް އެދިފައެވެ.