08 Sep 2012, 10:20
އެއާޕޯޓުގެ ރަންވޭ އަލުން އައު ކުރުމަށް ޖީއެމްއާރުން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށާއި އެ ޕްރޮޕޯސަލާ އެއްގޮތަށް އަމަލުކުރާ ނަމަ އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ފެށުމަށް ހުއްދަ ދޫކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަމްހީދު ވިދާޅުވީ އެއާޕޯޓުގެ މާސްޓާޕްލޭނާ އެއްގޮތަށް އެއާޕޯޓް ޑިވަލޮޕްކުރުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް އެއާޕޯޓުގައި މިހާރު އޮތް ރަންވޭ އެކީ އެކަށް އާ ކުރުމަށް ޖީއެމްއާރުން މިހާރު ހުށަހަޅާފައިވާ ކަމަށާއި އަދި އެމެޖެންސީ ރަންވޭއެއް ހެދުމަށް ވެސް ޖީއެމްއާރުން ހުށަހަޅާފައިވާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ ޖީއެމްއާރުގެ އެދެ ހުށެޙެޅުން ވެސް އެ މިނިސްޓްރީން މިހާރު ގަބޫލުކޮށްފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަދި އަޅުގަނޑުމެން ބޭނުން ނޫން ދިމާލެއްގައި ޓާމިނަލް ހެދި ނަމަވެސް އެ ވެސް ބޭނުންވާ ތަނެއްކަން[ޓާމިނަލް]. އެހެންވެ އަޅުގަނޑުމެން އެންމެ ކަންބޮޑުވާ ދެ މައްސަލަ އެ ޕްރޮޕޯސަލުން ހައްލުވީމާ ޖީއެމްއާރުން އެ ހުށަހެޅުއްވި ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަންޏާ ޓާމިނަލްގެ މަސައްކަތް ފަށަން ހުއްދަދޭން ނުޖެހޭ ސަބަބެއް ނެތޭ އަޅުގަނޑު ދަންނަވާފައި ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އައު ޓާމިނަލްގެ މަސައްކަތް ފެށުމަށް ޖީއެމްއާރަށް އަދި ހުއްދަދީފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ކަމަށް އަދި ޖެހޭނީ އިތުރަށް މަޝްވަރާކުރަން، އެއަށް ފަހު އަދި ހުއްދަދެވޭނީ،" ޝަމްހީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ޖީއެމްއާރުން ޕްރޮޕޯސްކޮށްފައިވާ ގޮތުން މިހާރު އޮތް ރަންވޭ އެކީއެކަށް ކޮނެގެން ނެގުމަށް ފަހު އެ ރަންވޭ އާކުރާނެ އެވެ.
ނަގަން ޖެހޭ ހުއްދަތައް ނުނަގައިގެން ހުއްޓުވާފައި އޮތް ޖީއެމްއާރުގެ އައު ޓާމިނަލްގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަޔާ އެކު އަލުން ފަށާފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
ޖީއެމްއާރުން ވެސް މިއަދު ބުނެފައި ވަނީ ހުއްޓާލާފައިވާ އައު ޓާމިނަލްގެ މަސައްކަތް އަދި ވެސް ފަށާފައިނުވާ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ އެކަމަށް އަދި ލިބިފައި ނުވާ ކަމަށެވެ.