08 Sep 2012, 09:44
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އިރާކޮޅު ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ވެހިކަލް ޗެކްޕޮއިންޓް (ވީސީޕީ) ޖަހައިގެން އުޅަނދުތައް ބަލައި ފާސްކުރަމުން ދަނިކޮށް އެތަނުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލަން މަސައްކަތްކުރި މީހަކީ އުމުރުން 20 އަހަރުގެ މީހެއް ކަމަށެވެ.
އަދި އޭނާ ފިލަން މަސައްކަތް ކުރުމުން އޭނާ ހިފަހައްޓާފައި ވަނީ އެ ސަރަހައްދުގައި ތިބި ފުލުހުން ކަމަށެވެ.
އެ ހާދިސާގައި ފުލުސް މީހާ އަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ މަހުތެރޭ ވަނީ، ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފުލުހުންނަށް ފިލަން، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 43 އަހަރުގެ މީހަކު މަރު ވެސް ވެފަ އެވެ.