ދެކުނު ޕްރޮވިންސްގައި އަންނަ އަހަރު ބާއްވާ ސާކު ސަމިޓު ސ. ހިތަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައި، ކޮންވެންޝަން ސެންޓަރު އަޅާނެ ދެ ބިމެއް ޝޯޓްލިސްޓްކޮށްފައިވާ ކަމަށް އައްޑު އަތޮޅުގެ ކައުންސިލަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.  


ސޯދިގު މިއަދު ވިދާޅުވީ، އަންނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ 17 ވަނަ ސާކު ސަމިޓުގެ ކޮންވެންޝަން ސެންޓަރު އެޅުމަށް 4 ހެކްޓަރު ބިން ބޭނުންވާ ކަމަށާއި އެ ވަރުގެ ބިމެއް ހިތަދޫން ލިބޭނެ ދެ ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެއީ، ހިތަދޫ ޒުވާނުންގެ މަރުކަޒު ހުންނަ ސަރަހައްދާއި މާމެންދޫ ކުޅި ސަރަހައްދު ކަމަށް ސޯދިގް ވިދާޅުވި އެވެ. އަދި މެ ދެތަނުން ވަކި ތަނެއް ކަނޑައެޅުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


އެގޮތުން މާމެންދޫ ކުޅި އަކީ ޗަކަ ބިން އޮންނަ ސަރަހައްދަކަށްވެފައި، ގުދުރަތީ ގޮތުން ފެން ރައްކާކުރެވޭނެ ނިޒާމެއް އޮންނަ ތަނަކަށް ވާތީ، އެތަނުގައި އިމާރާތް ކުރުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއް ކަމަށް ބައެއް ބައިވެރިން ފާހަގަކުރި ކަމަށް ސޯދިގް ވިދާޅުވި އެވެ.  އަދި ޔޫތު ސެންޓަރު ހުންނަ ސްޓޭޖް ސަރަހައްދުގައި ކޮންވެންޝަން ސެންޓަރު ބިނާކުރާނަމަ، މިހާރު އިމާރާތްކުރަމުންދާ ޔޫތު ސެންޓަރު އެތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރަންޖެހޭތީ، އެކަމާމެދު ވެސް މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.  އަދި ބަލަން ޖެހޭ ޓެކްނިކަލް ކަންތައް ބެލުމަށް ފަހު ވަރަށް އަވަހަށް ވަކި ސަރަހައްދެއް ކަނޑައަޅާނެ ކަމަށް ވެސް ސޯދިގް ވިދާޅުވި އެވެ.


ސޯދިގު އިތުރަށް ވިދާޅުވީ ސަމިޓު ފެށުމަށް 13 މަސްދުވަހަށް ވެފައިވާތީ، އެ ކޮންވެންޝަން ސެންޓަރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، އަންނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭތޯ ބަލާނެ ކަމަށެވެ. އަދި އެތައް މިލިއަން ޑޮލަރެއް ޚަރަދުވާނެ ކަމަށް ބެލެވޭ ކޮންވެންޝަން ސެންޓަރު އެޅުމުގެ މަސައްކަތް ހަވާކުރޭނެ ކަމަށް ބެލެވެނީ ސައުތު ޔޫޓިލިޓީޒް ލިމިޓެޑް ކުންފުންޏާ ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ ހޯދާނީ ބޭރު ގައުމުތަކުން ދޭ އެހީ އާއި ދައުލަތުގެ ބަޖެޓުން ކަމަށް ވެސް ސޯދިގް ވިދާޅުވި އެވެ. ނަމަވެސް، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ މި ކަންތައް އަދި ކަށަވަރުނުވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށެވެ.