ރ. ވާދޫން މިއަދު ފަތިހު އެކަނި ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:48 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެއީ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.

އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދު ފަތިހެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އަދި، އެ މީހާ ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކަމާ ބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އެހެންވެ، މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރަން ވަނީ އެދިފައެވެ.

އެކަނި މަހަށް ނުފުރާން ފުލުހުންނާއި ސިފައިން އިލްތިމާސްކުރި ނަމަވެސް ރަށްރަށުގައި އެއީ އާންމު ކަމެކެވެ. މީގެ ކުރިން ވެސް އެކަނި މަހަށް ނުކުންނަ މީހުން ގެއްލިގެން ހޯދަން ޖެހެއެވެ. ބައެއް ފަހަރު އެ ފަދަ ވަރަށް ހިތާމަވެރި ހާދިސާތަކުގައި މީހުން ނިޔާވެފައި ވެސް އެބަހުއްޓެވެ.