08 Sep 2012, 09:41
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގެ ލީގަލް އެނަލިސިސްއެއް އެމްޑީޕީން ނެރެފި އެވެ.
އެމްޑީޕީން ބުނީ ކޯނީ ރިޕޯޓުގެ ލީގަލް އެނަލިސިސް ހަދާފައި ވަނީ ސްރީލަންކާގެ ތިން ގާނޫނީ ވަކީލުންގެ ޓީމަކުން ކަމަށާއި އެ ނަލިސްސް ހެދީ އެ ގައުމުގެ ކުރީގެ އެޓާނީ ޖެނެރަލް މިސްޓާ ޝިބްލީ އަޒީޒް އިސްކޮށް ހުންނަވައިގެން ކަމަށެވެ. އަދި އެ ޓީމުގައި އޭނާގެ އިތުރަަށް ދެން ތިއްބެވީ، ސްރީލަންކާގެ ސުޕްރީމްކޯޓުގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ މިސް އަނީތާ ޕެރޭރާ އަދި މިސްޓާ ސެނާނީ ދަޔަރަތްނެ ކަމަށެވެ.
އެ ލީގަލް ރިވިއު ހެދުމުގައި ބަލާފައި ވާނީ ކޯނީގެ މަސައްކަތު ބަޔާނަށާއި، އުސޫލީ މައްސަލަތަކަށާއި ބަޔާންތަކަށާއި ހެކި ހޯދުމުގައި ކޯނީން އަމަލު ކޮށްފައިވާ ގޮތަށާއި އަދި ގާނޫނީ ހަމަތަކާއި އުސޫލީ މައްސަލަތަކުގެ މައްޗަށް ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ކޯނީގެ އިޖްރާއަތުތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ބޮޑަށް އުނި އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްގެންކަމާއި ކޯނީގެ ހޯދުންތައް ދިރާސާކުރުމަށް ޓަކައި ބޭނުން ކުރި ގާނޫނީ ތަރަހަތަކާ މެދު ވަރަށް ބޮޑަށް ސުވާލުއުފެދޭ ކަމަށް ލީގަލް އެނެލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކޯނީގެ މެންޑޭޓުގައި އެއްކަމެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަކީ ގާނޫނީ ގޮތުން ސައްހަ ގޮތުގައި ހިނގާދިޔަ އިސްތިއުފާއެއްތޯ ބެލުމަށް ހިމަނާފައި ވިޔަސް އެކަން ނުބަލައި ކޯނީން ބަލާފައި ވަނީ ނަޝީދު ރައީސްކަމުން ވަކިކުރަން ޖެހުނު ސަބަބުގެ ސައްހަކަން ހާމަކުރުމަށް ކަމަށް ވެސް ލީގަލް އެނެލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.