އުމްރާގެ އަޅުކަމަށްފަހު، ރާއްޖެއަށް ނާދެވިފައި 50 އުމްރާވެރިން އެބަތިބި ކަމަށާއި، މިހާރު އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީލް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިވަގުތު 2،000އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް މެދުއިރުމަތީގައި މިވަގުތު ހިނގަަމުންދާ ހަނގުރާމައިގެ ސަބަބުން އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50ކަށް އުމްރާވެރިން އެނބުރި ރާއްޖެ ނާދެވިފައި އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި އެ އެންމެން ގެނައުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ނުފުރިފަ ތިބި ގާތްގަނޑަކަށް 50 އުމްރާވެރިން އެކޮޅުން އަންނަން ދަތިވެފަ އެތިބީ. އެހެންވީމަ އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި،އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީލް އަލީ ސައީދު

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އުމްރާވެރިން ގޮވައިގެން ފުރަން އޮތް ބައެއް ފްލައިޓްތައް ވެސް ކެންސަލްވިއެވެ.

އެކަމުގެ ސަބަބުން ދަތިތައް ދިމާވި ހުރިހާ އުމްރާވެރިންނަށް، މިނިސްޓްރީން ވަނީ ފުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދީ އުމްރާގެ އަޅުކަމަށް ފޮނުވައިދީފައެވެ.