ގުނަމުން މި ދަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތް ދުވަސްތަކެވެ. އަޅުކަމާއި ދުއާކުރުމަށް ވަގުތު ހުސްކޮށް، ހެޔޮކަން ލިބިގަތުމުގައި އެންމެން ވެސް ޚާއްސަވާ ޚާއްސަ 10 ދުވަހެވެ.

ދުއާ އިޖާބަކުރުމުގެ އުންމީދަކީ ކޮންމެ މުސްލިމެއްގެ ވެސް އުންމީދަށްވާއިރު މިއީ ދުއާގެ ބާރު ހާމަކޮށްދޭ ނަމޫނާ ހާދިސާއެކެވެ. ފޭސްބުކްގައި "އުންމު ފައިނޫޖް" ނަމަކަށް ކިޔާ މީހަކު ހިއްސާކޮށްފައިވާ މި ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

އޭނާ ފޭސްބުކްގައި ލިޔެފައިވާގޮތުގައި ރަށުގައި އޮތް އިޙްޔާ ފޯރަމަކަށް އޭނާގެ ފިރިހެން ދަރިފުޅު ދިޔައެވެ. އަގުހުރި އިނާމުތައް ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކޮންމެ ފޯރަމަކުން ވެސް ދޫކުރާއިރު އެ ދަރިފުޅު ދިޔައީ ނަސީބުވެރިއަކަށް ހޮވި ހަދިޔާއެއް ލިބޭނެކަމުގެ އުންމީދާ ވެސް އެކުގައެވެ.

ނަމަވެސް އުންމު ފައިނޫޖް ލިޔެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު އެ ރޭ ފޯރަމް ނިންމާލާފައި ގެއަށް އައީ ވަރަށް ބޮޑަށް ދެރަވެފައި ހުރެގެންނެވެ. އެ ދަރިފުޅު އޭނާގެ މަންމަ ގާތުގައި ބުނީ އެ ފޯރަމުން އެއްވެސް އިނާމެއް ނުލިބުނު ކަމަށެވެ.

ކުޑަކުދިން މިފަދަ ދީނީ ދަރުސްތަކަށް ދިއުމަށް ހިތްޖެހޭ އެއް ބޭނުމަކީ އެތަނުން ދޭ ހަދިޔާއެއް ހޯދުންކަމަށް ވާއިރު، ދަރިފުޅުގެ އެ މާޔޫސްކަން ފެނި މަންމަގެ ހިތަށް ވެސް އަސަރުކުރިއެވެ.

އެހެންކަމުން، ދެވަނަ ރޭ އޭނާގެ ދަރިފުޅު ފޯރަމަށް ފޮނުވުމުގެ ކުރިން އެކަމަށް އެދި ދުއާކުރަން އެދުނެވެ.

"ދަރިފުޅަށް އިނާމެއް ލިބޭތޯ މަންމަ ދުޢާ ކުރާނަމެވެ. ދަރިފުޅުވެސް ދުޢާ ކުރާށެވެ. އަބަދުވެސް އެކަލާނގެ އަށް ދުޢާކޮށް ދަންނަވާ ހެޔޮކޮށް ވިސްނާށެވެ. ދުޢާކޮށްފައި އިނާމު ލިބޭނޭ ހިތަށް އަރުވާށެވެ،" ފޭސްބުކްގައި ލިޔެފައި އޮތެވެ.

މަންމަގެ މި ހިތްވަރާއެކު ދަރިފުޅު އަނެއްކާވެސް ފޯރަމަށް ދާން ފެށިއެވެ. ކޮންމެ ރެއަކު ވެސް ދަރުސް ނިންމާފައި އައިސް، އެރެއަކު އިނާމު ލިބުނު ކުދިންގެ ނަންތައް ކިޔައިދޭކަަމަށް އެ ކުއްޖާގެ މަންމަ ލިޔެފައިވެއެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ނަމެއް ނާދެއެވެ.

ދަރިފުޅަށް އިނާމެއް ނުލިބުނު ކަމުގައި ވިޔަސް، އެ މަންމަ އުންމީދު ކަނޑައެއް ނުލައެވެ. އޭގެ ބަދަލުގައި މަންމަގެ ދުޢާ އިތުރަށް ވަރުގަދަކުރިއެވެ. މަންމަގެ ހިތުގެ އަޑިން މާތް ﷲގެ ހަޟްރަތަށް ކުރީ ވަރަށް ސާދާ ނަމަވެސް އިޚްލާސްތެރި ދުއާއެކެވެ.

"ޔާ الله! މިއަޅާގެ ދަރިފުޅަށް އެތަނުން ހަދިޔާއެއް ލިބޭނެ ގޮތް މިންވަރު ކުރައްވާށި!" އެކަމަށް އެދި ހިތުނިޔަތް ގަނެ، ގިނަގިނައިން އިސްތިޣްފާރު ވެސް ކުރަމުން ދިޔަކަމަށް ބުންޏެވެ.

އެ ދުޢާ އިޖާބަކުރެއްވީ އެއްވެސް މީހަކު ހީވެސް ނުކުރާ ފަދަ މަތިވެރި ގޮތަކަށެވެ. މުޅި އިޙްޔާ ފޯރަމުގެ އެންމެ އަގުބޮޑު އިނާމު އެ ދަރިފުޅަށް ދެއްވީއެވެ. އެއީ އާދައިގެ ކުޑަ ހަދިޔާއެއް ނޫނެވެ. މާތްﷲ އެކަލާނގެ ގެކޮޅަށް، މާތްވެގެންވާ މައްކާއަށް ދިއުމުގެ މަތިވެރި ދަޢުވަތެވެ. އެ ދަރިފުޅަށް ލިބުނީ އުމްރާ ދަތުރެކެވެ.

މިއީ ދުޢާ ކުރުމުގެ މަތިވެރިކަމާއި އޭގެ ބާރުގަދަކަން ހާމަކޮށްދޭ ހާދިސާއެކެވެ.

"ދުޢާ ކުރުމުގެ މަތިވެރިކަމާއި ބާރާއި މެދު ޝައްކު ނުކުރައްޗެވެ. އަބަދުމެ އަމިއްލަ
ނަފްސަށާއި ދަރީންނަށް ހެޔޮގޮތްވުން އެދި އެކަލާނގެ ހަޟްރަތުގައި ދަންނަވާށެވެ،" އުންމު ފައިނޫޖް ލިޔެފައިވެއެވެ.