08 Sep 2012, 09:20
ނިކޯސިޔާ (ސެޕްޓެމްބަރ 8): ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ހަތިޔާރަށް ކިތަންމެ ބޭނުންވެފައިވީ ނަމަވެސް އެމީހުންނަށް ހަތިޔާރު ފޯރުކޮށްދެވެން ނެތް ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވެއްޖެ އެވެ.
ސައިފްރަސްގައި ބައްވާ ޔޫރަޕްގެ އިއްތިޙާދުގެ މަސްއޫލުވެރިންގެ ބައްދަލުވުމެއްގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި ހޭގް ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަތިޔާރު ފޯރުކޮށްދެވެން ނެތީ ސޫރިޔާއަކީ އަހްލީ ހަނގުރާމަ ހިނގަމުންދާ ޤައުމަކަށްވާތީ އެޤައުމަށް ހަތިޔާރު އެކްސްޕޯޓް ކުރުމަށް މަނާކުރުމުގެ ނިންމުމެއް ޔޫރަޕްގެ އިއްތިޙާދުން ނިންމާފައިވާތީ ކަމުގަ އެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާ ދެކޮޅަށް ކާމިޔާބު ލިބެމުން ނުދިޔުމުގެ އެންމެ ބޮޑު ސަބަބަކީ އެމީހުންނަށް ބަރުހަތިޔާރާއި ޒަމާނީ އެހެން ހަތިޔާރު ލިބޭނެގޮތެއްނެތުމުން ކަމަށް ވަނީ ބެލެވިފަ އެވެ. ރައީސް ބައްޝާރަށް ވަފާތެރި ސޫރިޔާގެ ލަޝްކަރުތަކުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ފައިޓަރ ޖެޓާއި ޢަސްކަރީ ހެލިކޮޕްޓަރާއި ޓޭންކާއި ބޮޑުބަޑިއާއި ރޮކެޓް ފަދަ ތަކެތި ބޭނުންކުރާއިރު ހަނގުރާމަވެރިން އެތަކެއްޗާ ކުރިމަތިލަނީ އާދައިގެ ބަޑިއާއި ކޮނޑުމަތިން ފޮނުވާލެވޭ ބާވަތުގެ ކުދިކުދި ރޮކެޓްފަދަ ތަކެތިންނެވެ. ނަތީޖާއަކީ ބައްޝާރުގެ ސިފައިންގެ އަތްދަށުން ހަނގުރާމަވެރިންނާއި ޢާންމުންގެ އެތަށްބަޔަކު ކޮންމެ ދުވަހަކު މަރުވަމުން ދިޔުމެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާ ބެހޭ މަސްއޫލުވެރިޔާ ކެޓްރިން އެޝްޓޮން ވިދާޅުވީ ބައްޝާރުގެ ސަރުކާރުން އޭނާގެ ރައްޔިތުންނާ ދެކޮޅަށް ބަރުހަތިޔާރު ބޭނުންކުރުމަކީ ހަޑި މުޑުދާރު ޢަމަލެއް ކަމުގަ އެވެ. އަނެއްކޮޅުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމާ ދެކޮޅަށް ސޫރިޔާއަށް ޢަސްކަރީ ގޮތުން ވަދެގަތުމުގެ އެއްވެސް ވިސްނުމެއް ނޭޓޯ ނުގެންގުޅޭ ކަމުގަ އެވެ. ލީބިޔާއަށް ވަދެގަތްގޮތަށް ނޭޓޯ އިން ސޫރިޔާއަށް ނުވަންނަނީ ސަބަބުތަކެއް ހުރެގެން ކަމަށާއި މީގެތެރެއިން އެއްސަބަބަކީ ލީބިޔާ އަށް ޢަސްކަރީ ގޮތުން ވަނުމުގެ ހުއްދަ އދ.ގެ ސަލާމަތީ މަޖިލީހުން ނޭޓޯ އަށް ދިން އިރު ސޫރިޔާއަށް ވަނުމުގެ ހުއްދަ ދިނުމާދެކޮޅަށް ރަޝިޔާއާއި ޗައިނާ ފައިވިއްދާފައި އޮތުން ކަމަށް ރަސްމޯސަން ވިދާޅުވި އެވެ.
މީގެއިތުރުން ގައްޒާފީގެ ޙިމާޔަތުގައި އެއްވެސް ޤައުމެއް ނެތްއިރު ބައްޝާރުގެ ޙިމާޔަތުގައި ރަޝިޔާއާއި އީރާނާއި ޢިރާޤު ފަދަ ޤައުމުތައް ތިބިކަމަށް ވަނީ ބެލެވިފަ އެވެ. އެހެންކަމުން ސޫރިޔާއަށް ވަދެއްޖެ ނަމަ ސޫރިޔާގައި ނޭޓޯ ބަލިވެދާނެ ކަމަށް ނޭޓޯގެ ޖެނެރަލުން ދެކޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)