08 Sep 2012, 00:41
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޮޕް (ސީމެގް)ގެ އެޖެންޑާ އިން ރާއްޖެ ނަގައި ދިނުމަށް ސީމެގްގައި ހިމެނޭ ގައުމުތަކަށް ރާއްޖެ އިން ސިޓީ ފޮނުއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަވަމުން ރައީސް ވިދާޅުވީ ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ސީމެގްގައި ހިމެނޭ ގައުމުތަކަށް ރާއްޖެ އިން ސިޓީ ފޮނުވާފައި ވާނީ ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
"ސީމެގެގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ޓަކައި މަސައްކަތްތަކެއް ކުރެވެމުން އެކަމަށް ޓަކައި ރާއްޖެ އިން ވަނީ ސީމެގުގެ ގައުމުތަކަށް ސިޓީއެއް ވެސް ފޮނުވިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސީމެގުގައި ރާއްޖެ ހިމަނާފައި ވަނީ ވެސް ސީމެގުގެ ގަވާއިދުތަކާ ވެސް ހިލާފަށް ކަމަށާއި ސަރުކާރު ބަދަލުވި ގޮތާ މެދު އުފެދުނު ސުވާލުތަކަށް ޖަވާބު ލިބުމަށް ފަހު މިހާރު ސީމެގުގެ އެޖެންޑާގައި ރާއްޖެ ބާއްވަން ޖެހޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށެވެ.
"ފުރަތަމަ ސީމެގުގައި ރާއްޖެ ހިމެނީ ވެސް ސީމެގުގެ ގަވާއިދުތަކާ ހިލާފަށް. ދެން އެމީހުންގެ ހުރި ހުރިހާ ޝަކުވާތަކާ މެދު ވެސް މިހާރު ވަނީ ތަހްގީގު ކުރެވި ރިޕޯޓް ވެސް ނެރިފައި. އެހެންވީމާ މިހާރު ދެން ސީމެގުގެ އެޖެންޑާގައި ރާއްޖެ ބޭއްވުމުގެ އެއްވެސް އުޒުރެއް އޮތް ކަމަށް ނުދެކެން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސީމެގްގެ އެޖެންޑާ އިން ރާއްޖެ ވަރަށް އަވަހަށް ނަގާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ކަމަލޭޝް ޝަރުމާގެ ފަރާތުން ރާއްޖެ އަށް ކަނޑައެޅުއްވި ހާއްސަ މަންދޫބު ސާ ޑޮން މެކެނަން މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"ސީމެގު އެޖެންޑާ އިން ރާއްޖެ ނެގުމަށް މަސައްކަތް ކޮށްދިނުމަށް އަޅުގަނޑުމެން އެދޭނަން އެބޭފުޅާ އަރިހުން ވެސް. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މާގިނަ ދުވަހަކު ސީމެގުގެ ވާހަކަ މާގިނަ ދުވަހު ދައްކަން ޖެހޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ސީމެގްގައި ހިމެނޭ ހުރިހާ ގައުމުތަކަށް ފޮރިން މިނިސްޓްރީ އިން ގޮވާލާފައިވާ އިރު ކޮމަންވެލްތުން ރާއްޖެ ވަކި ވާންޖެހިދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމާ މެދު ގޮތެއް ނިންމާނީ އަންނަ އަންގާރަ ދުވަހު ބާއްވާ އެ ޖަމާއަތުގެ ގައުމުތަކުގެ އިސް ބޭފުޅުންގެ މެދުގައި ބާއްވާ ޓެލެ ކޮންފަރެންސަކަށް ފަހު އެވެ.