08 Sep 2012, 00:02
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެމްޑީޕީ ބައިވެރިކުރާ ކަމަށްވާ ނަމަ މިހާރުގެ ކެބިނެޓްގައި ތިއްބެވި ބައެއް ވަޒީރުން ވަކި ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރައްވަން ބޭނުންފުޅުނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާވާ ލެއްވުމަށް ފަހު މިރޭ ރާއްްޖެ ވަޑައިގެން އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުވުމުގައި ދެއްވި އިންޓަވިއުގައި ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ އެ މަނިކުފާނަށް އެއްބާރުލުން ދިން ޕާޓީތައް އެއް ފަރާތްކޮށް، އެމްޑީޕީ އަށް ފުރުސަތު ދިނުމަކީ ކުރައްވަން ފަސޭހަފުޅު ކަމެއް ނޫން ކަމަށެވެ.
"އިތުރު ބައެއް ކެބިނެޓްގައި ހިމަނާކަމަށްވާ ނަމަ ޖެހޭނެ ކެބިނެޓްގައި މިހާރު ތިބި ބައެއް ވަޒީރުން ވަކިކުރަން. އެއީ ކުރާކަށް އެހާ ފަސޭހަ ކަމެއްނޫން. އަޅުގަނޑާ އެކީގައި އަޅުގަނޑަށް އެންމެ އުނދަގޫވި ދުވަސްވަރު ތިއްބެވި ޕާޓީތަކަށް އަޅުގަނޑު ޖެހޭނެ އެ ފުރުސަތު ދީގެން އެ ބޭފުޅުނަށް އިހްތިރާމް ކޮށްގެން އެ ބޭފުޅުންނާ އެކު އުޅެން،" ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމްޑީޕީ އަށް ފުރުސަތު ދިނުމަށް އާ މިނިސްޓްރީތަކެއް އުފެއްދުމަކީ ވެސް މިހާރު ބަޖެޓްގެ ކަންކަން ހުރިގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިހާރު މި އޮތީ ސަރުކާރު އެކުލަވާލެވިފައި. އެހެންވީމާ ސަރުކާރުގައި އިތުރު ވުޒާރާތައް ހަދާ އިތުރު ވަޒީރުން ބައިވެރިކުރުމުގެ ފުރުސަތެއް ނެތް. ރާއްޖޭގެ ބަޖެޓަކުން ވެސް އެހާ ތަނަވަސް ދުވަސްވަރެއް ނޫން މިއީކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ސަރުކާރު ހިންގަވަން ހަވާލުވެވަޑައިގަތުމަށް ފަހު އެމްޑީޕީ އަށް ފުރުސަތު ދެއްވަން ބޭނުންފުޅުވި ކަމާއި ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކޮށް އެމްޑީޕީ އިން އައީ ސަރުކާރަށް ދުއްތުރާތައް ކުރަމުން ކަމުގަ އެވެ.
"އަޅުގަނޑު ވާނީ ސަރުކާރު އުފައްދަވަން ވެގެން ވެސް އެމްޑީޕީއަށް ދައުވަތު ދީފައި. އެހެން ނަމަވެސް އިޖާބައެއް ނުލިބޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން މި އުޅެން ޖެހުނީ ވަރަށް ހާލުގައި. އެމްޑީޕީ ބޭފުޅުން އަޅުގަނޑުމެނަށް ކުރައްވަމުން ގެންދެވި ދުއްތުރާތައް އެއީ ހުރިހާ ބޭފުޅުނަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެއްޗެއް. ހަގީގަތެއް ނެތް ކަމެއްގެ ވާހަކަ ދައްކައި އަޅުގަނޑުމެންނަކީ ބާޣީންނަށް ހަދައި ވަރަށް ބޮޑެތި އުނދަގޫތައް ވަނީ ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތުގެ ތަހްގީގު ހިންގުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓަށް ފަހު އެމްޑީޕީގެ އިސް ލީޑަރު މުހައްމަދު ނަޝީދު ވަނީ ޑރ. ވަހީދުގެ ސަރުކާރު ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އަށް ފަހު ލީޑާސް ޑައިލޮގްގައި އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ ސަރުކާރުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.