މިދިޔަ ދެ ދުވަހު ވައްކަމުގެ މައްސަލަތަކުގައި މާލެ ސަރަހައްދުން 86،000 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ވޭތުވެދިޔަ 48 ގަޑިއިރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މާފަންނު ޕޮލިހަށް އެކަނި ވެސް ވައްކާމާއި ފޭރުމުގެ ސަބަބުން، 62،400 ރުފިޔާ ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި، ހެންވޭރު ޕޮލިހަށް ވަނީ 24،400 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައެވެ. އެހެންކަމުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ރުފިޔާގެ ޖުމްލަ އަދަދު، 86،800 އަށް އަރައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، މާފަންނު ޕޮލިހުން ވަނީ މިދިޔަ ދެ ދުވަހު، މިފަދަ އެކި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން 2،400 ރުފިޔާ ރިކަވާކޮށްފައެވެ. އަދި، ގަލޮޅު ޕޮލިހުން 224،600 ރުފިޔާ ރިކަވާކޮށްފައިވާއިރު، ހެންވޭރު ޕޮލިހުން ވަނީ 4،000 ރުފިޔާ ރިކަވާކޮށްފައެވެ.

ނިމުނު ދެ ދުވަހު ހެންވޭރު ޕޮލިހަށް ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކުގެ އަދަދު، 21 އަށް އަރާއިރު ގަލޮޅު ޕޮލިހަށް 33 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. އަދި، މާފަންނު ޕޮލިހަށް ވަނީ 37 އެކްސިޑެންޓެއް ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޖުމުލަ 91 އެކްސިޑެންޓު ނިމުނު ދެ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ މަހު އެކްސިޑެންޓުތައް ރިޕޯޓުކުރި މިންވަރު މަދުވިއިރު، މި ރޯދައިގެ ފުރަތަމަ ހަފުތާގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގި މިންވަރު ވަނީ އިތުރުވެފައެވެ. އެ މުއްދަތުގައި އެކަނި ވެސް 90 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

އެހެންވެ، ފުލުހުން ވަނީ އެކްސިޑެންޓުތައް މަދުކުރުމަށް ސްޕީޑު މަޑުކޮށް، މަގުމައްޗަށް ބަލައިގެން އުޅަނދުތައް ދުއްވަން ހަނދާންކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާންމުކޮށް ވެސް ރޯދަމަހު ވައްކަމުގެ މައްސަލަތައް އިތުރުވެއެވެ. އެހެންވެ، އެ ކަންކަމަށް ސަމާލުވާން ފުލުހުން މީގެ ކުރިން ވެސް އިލްތިމާސްކޮށްފައިވެއެވެ.