07 Sep 2012, 23:27
"އިންސާފުގެ ހިނގާލުން"މި ނަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު 4:00ގައި އުސްފަސްގަނޑު ސަރަހައްދުން ފެށި އެ ހިނގާލުމުގައި އެމްޑީޕީ އަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އިރު ބައެއް ފިރިހެނުން ވެސް ހިނާގާލުމުގައި ބައިވެރިވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހައްމަދާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު އިސްކޮށް ހަރަކާތްތެރިވި އެ ހިނގާލުމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލާފައިވެ އެވެ.
މިއަދުގެ ހިނގާލުމުގައި ރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފުން އެއްކިބާވެފައިވާ ތަނަކަށް ބުނެ ޝަރުއީ ދާއިރާ ހަމަމަގަށް އަޅުުވަން ޖެހިފައިވާ ކަމަށް ބައިވެރިން ވަނީ ގޮވާލާފަ އެވެ.
ހިނގާލުން ކުރިއަށް ދިޔަ ވަގުތު ފުލުހުން ވަނީ ބައެއް މަގުތައް ބަންދުކޮށްފައެވެ. އެގޮތުން މުލިއާގެ ސަރަހައްދާއި ޗާންދަނީ މަގު ދިރާގު ލައިޓު ކައިރިވެސް ވަނީ ބެރިކެޑުތައް ޖަހާ ބަންދުކޮށްފައި ވެއެވެ.
މިއަދުގެ ހިނާގާލުން ކުރިއަށް ދިޔަ ވަގުތު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ އިރު ހިނގާލުން ރޫޅާލުމަށް އެއްވެސް ކަމެއް ފުލުހުން ކޮށްފައެއް ނުވެ އެވެ.