07 Sep 2012, 22:51
"ދިލްހޭކެ މާންތާ ނެހީނ"، މި ފިލްމު އަލުން ހެދުމާ މެދު ވިސްނަމުން ދާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރިޔަށް ގެންދާނެ ގޮތެއް މުޅިން ކަނޑައެޅިފައި ނުވާ ކަމަށް އާލިޔާ ބަޓް ބުނެފިއެވެ.
ކުރީގެ އެކްޓްރެސް އަދި މިހާރުގެ ފިލްމު މޭކަރ ޕޫޖާ ބަޓް ކުރިން ބުނެފައި ވަނީ "ދިލްހޭކެ މާންތާ ނެހީނ"ގެ ރިމޭކިންގައި ރަންބީރު ކަޕޫރާއެކު ހަރަކާތްތެރި ވާނީ ޕޫޖާ ބަޓްގެ ކޮއްކޮ އާލިޔާ ބަޓް ކަމަށެވެ.
"ދައްތަ ވަނީ އެ ވާހަކަ ދައްކާފަ. އެހެން ނަމަވެސް އެއްވެސް ކަމެއް އަދި މުޅިން ނިމުނީކީ ނޫން. އެ ފިލްމު އަލުން ހެދުމުގެ ވިސްނުން އެބަ އޮތް. އެ ފިލްމު އަލުން ޝޫޓް ކުރާ ނަމަ އެ ފިލްމުގައި ހަރަކާތްތެރި ވާނީ އަހަރެން. އެ ފިލްމު އަލުން ހެދުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް." އާލިޔާ ބަޓް ބުންޏެވެ.
ލޯބީގެ މަޖާ ފިލްމެއް ކަމުގައި ވާ "ދިލްހޭކެ މާންތާ ނެހީނ" ގެ ކާމިޔާބު ފިލްމު 1991 ވަނަ އަހަރު ޑައިރެކްޓު ކޮށްފައި ވަނީ އާލިޔާ އާއި ޕޫޖާގެ ބައްޕަ މަހޭޝް ބަޓެވެ. އެ ފަހަރު އެ ފިލްމުގައި ހަރަކާތްތެރި ވެފައި ވަނީ ޕޫޖާ އާއި އާމިރު ޚާނެވެ.
އާލިޔާ ބަޓް ފިލްމީ ދާއިރާއަށް ވަންނާން ނިންމައިފައި ވާ އިރު، އޭނާގެ އެންމެ ފުރަތަމަ ފިލްމަކަށް ވާނީ ކަރަން ޖޯހަރު ހަދާ ލޯބީގެ މަޖާ ފިލްމެއް ކަމަށް ވާ "ސްޓޫޑެންޓް އޮފް ދަ އިޔަރ" އެވެ. އާލިޔާއެކު މި ފިލްމުގައި ހަރަކާތްތެރި ވާނީ އަލަށް މި ދާއިރާއަށް ވަންނަ ސިދާރްތު މަލޯތުރާ އާއި ވަރުން ދާވަންއާއެކުއެވެ. އާލިޔާ ބުނާ ގޮތުގައި މިހާރު ވެސް މި ތަރީންނާއި އޭނާގެ ގުޅުން ވަރަށް ރަނގަޅެވެ.
"އަހަރެން ވަރަށް ގަޔާވޭ އެމީހުންނާ. އެމީހުންގެ ކިބައިން އަހަންނަށް ވަނީ ވަރަށް ގިނަ ކަންތައް ދަސް ވެފަ. އެ ދެ މީހުން ވަރަށް ތަފާތު. ވަރުން ވަރަށް ހަރަކާތްތެރި. އެކަމަކު ސިދާރްތު ވަރަށް މަޑުމައިތިރި." އާލިޔާ ބުންޏެވެ. އުމުރުން 19 އަހަރުގެ އާލިޔާ ބަޓަކީ މަހޭޝް ބަޓްގެ އާއިލާއިން ބޮލީވުޑާ ގުޅޭ އެންމެ ޒުވާން ތަރިއެވެ.
"ދިލްހޭކެ މާންތާ ނެހީނ"ގެ ރިމޭކިންގ ނުކުންނާނެ ދުވަހެއް ނޭނގުނު ނަމަވެސް އާލިޔާ ބަޓް ވަރަށް އަވަހަށް އިސްކިރީނުން ފެންނާނެއެވެ. އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔަރ" ރިލީޒް ވާނެއެވެ.