07 Sep 2012, 21:39
ފުޅާދާއިރާއެއްގައި މަސްތުާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބެލެވޭ ބަޔަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 7:30 އެހާކަން ހާއިރު ހިންގި އެ އޮޕަރޭޝަނެއްގައި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ. އެ ތަކެތި ފެނިފައިވަނީ ހ.މެރީ ގޯލްޑްވިލާ އިން ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ގޭގެ ތެރޭގައި ތިބި ދިވެހި ދެ އަންހެނަކާއި ފިރިހެނަކު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ބުނީ އެމީހުން އަތުން ފެނުނު މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށް ބެލެވޭ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
"އެމީޙުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ބަޔެއް،" ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވި އެވެ. އެ ގޭގެ ތެރެއިން ފެނުނު ތިން މީހުން ފިޔަވައި އެހެން ބަޔަކު އެ މައްސަލައިގައި އަދި ހައްޔަރުކޮށްފައެއްނުވެ އެވެ.
އެމީހުން ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު އެ ސަރަހައްދަށް އެއްވެފައި ތިބި ބައެއް މީހުން ސަން އޮންލައިންއަށް ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންނަކީ އެގޭގެ ދެމީހުން ކަމަށެވެ. އަދި ފިރިހެން މީހާއަކީ އެގޭ މީހެއް ނޫނެވެ. އެ މައްސަލައިގައި ހައްޔަރު ކުރި އަންހެނުންގެ އުމުރު 40 ގާތްކުރާނެ އެވެ.