ޖީއެމްއާރުން ހޯދާފައިވާ ހިދުމަތްތަކަށް ވިލާ އެއާ އިން ދައްކަން ޖެހޭ ގިނަ ފައިސާ ނުދައްކައިގެން ޖީއެމްއާރުން ވިލާއެއާއަށް ދޫކުރަމުން ދިޔަ ކްރިޑިޓް ފެސިލިޓީ ހުއްޓާލާނެ ކަން އަންގައިފި އެވެ.

ޖީއެމްއާރުގެ ކްރިޑިޓް ކޮންޓްރޯލް މެނޭޖާ، ހައްވާ ފަޖުވާ ސޮއިކުރައްވައި މި ދިޔަ މަހުގެ 27 ވަނަ ދުވަހު ވިލާއެއާއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނަނީ މިހާރު ދައްކަން ޖެހިފައި ހުރި ފައިސާ ނުދައްކައިފިނަމަ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކްރިޑިޓަށް އެ ކުންފުންޏަށް ދެމުން ގެންދިޔަ ހިދުމަތްތައް ހުއްޓާލާނޭ ކަމަށެވެ. ކްރިޑިޓް ފެސިލިޓީ ކަޑާލާނެ ހިދުމަތްތަކުގެ ތެރޭގައި ތެލާއި، ގުރައުންޑް ހޭޑްލިންއާއި އަދި އެ ކުންފުނީގެ އެއާލައިންއިން ދަތުކުރާ ޕެސެންޖަރުންގެ ހިދުމަތުގެ ފީ ހިމެނެ އެވެ. ވިލާ އެއާއިން އޮޕަރޭޓް ކުރަނީ، މިދިޔަ އަހަރު ތައާރަފު ކުރި "ފްލައިމީ" އެވެ.

"ކްރިޑިޓް ފެސިލިޓީ އަލުން ދެވެން އަންނަނީ ފައިސާ ނުދައްކާ ބިލުތަކަށް އެކީއެކަށް ފައިސާ ދެއްކުމުންނެވެ. އަދި މި މުއްދަތުގައި ތިޔަ ކުންފުނިން ފޮނުވާ ޗެކްތައްވެސް ގަބޫލެއް ނުކުރެވޭނެ އެވެ،" އެ ސިޓީގައިވެ އެވެ. އަދި ނުދައްކާހުރި ފައިސާ ދެއްކުމުގައި ބޭނުންކުރާނޭ ޖީއެމްއާރުގެ ބޭންކް އެކައުންޓްތަކުގެ ތަފްސީލްވެސް ވަނީ ސިޓީގައި ހިމަނާފަ އެވެ. އެނގިފައިވާ ގޮތުގައި ވިލާއެއާއިން ޖީއެމްއާރަށް ދައްކަން ޖެހިފައިވަނީ 17 މިލިއަން ރުފިޔާ އެވެ.

ކްރިޑިޓް ފެސިލިޓީ ހުއްޓާލާނެ ކަމަށް ބުނި މުއްދަތުގައި އެ ހިދުމަތް ޖީއެމްއާރުން ހުއްޓާލިކަން އަދި ކަށަވަރެއްނުވެ އެވެ. އަދި އެ ފައިސާ ވިލާއެއާއިން ޖީއެމްއާރަށް ދެއްކި ކަންވެސް ނުވަތަ ނޫންކަންވެސް ކަށަވަރުވާގޮތެއް ނުވި އެވެ. ނަމަވެސް އެފަދަ ސިޓީއެއް ވިލާއެއާއަށް ފޮނުވާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ އެއްވެސް ކޮމެންޓެއް ލިބޭގޮތެއްނުވި އެވެ.

ވިލާއެއާގެ އޮފިޝަލަކުވެސް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ޖީއެމްއާރުގެ ކްރިޑިޓް ފެސިލިޓީ ކަޑާލިކަން އެނގިފައި ނުވާ ކަމަށާއި އެފަދަ ސިޓީއެއްގެ މައުލޫމާތުވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އެ ކުންފުނިންވެސް އިތުރު މައުލޫލާތެއް ލިބޭގޮތެއް ނުވި އެވެ.