އާލިއާ އާއި ޝަރުވާރީގެ 'އަލްފާ' ރިލީޒްކުރާ ތާރީޚު އިޢުލާންކޮށްފި
އާލިއާ އާއި ޝަރުވާރީގެ 'އަލްފާ' ރިލީޒްކުރާ ތާރީޚު އިޢުލާންކޮށްފި

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގް, ލީޑް ރޯލް ކުޅޭ ފިލްމު "އަލްފާ" ރިލީޒްކުރާ އާ ތާރީޚު އިއުލާނުކޮށްފިއެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް ވިޔަސް ފިލްމު ރިލީޒްކުރުން ފަސްކުރެވުނީ ފިލްމުގެ ބައެއް މަސައްކަތް އެ ތާރީޚަށް ނުނިމޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ނިންމުމާ ގުޅިގެންނެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުން އަންނަ ޔަޝް ރާޖް ފިލްމްސް "އަލްފާ" ސިނަމާތަކަށް އަންނާނީ 10 ޖުލައި 2026 ގައެވެ. މިކަން ހާމަކޮށްފައިވަނީ ފިލްމުގެ އާ ޕޯސްޓަރަކާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޚަބަރެއްގައެވެ.

ފިލްމު "އަލްފާ" ރިލީޒްކުރާ އާ ތާރީޚު އިއުލާނުކޮށްފައިވާ ޕޯސްޓަރު--ފޮޓޯ/ފިލްމުފެއަ

ޝިވް ރަވައިލް ޑައިރެކްޓްކުރާ "އަލްފާ" ގައި އާލިއާ އާއި ޝަރުވާރީ ފެނިގެންދާނީ ވަރުގަދަ އެކްޝަން ރޯލުތަކަކުންނެވެ.

ޝިވް އަކީ އެ ސްޓޫޑިއޯއިން 2023ގައި ނެޓްފްލިކްސް އަށް ގެނެސްދިން މިނީ ސީރީޒް "ދަ ރެއިލްވޭ މެން: ދި އަންޓޯލްޑް ސްޓޯރީ އޮފް ބޯޕާލް 1984"ގެ ޑައިރެކްޓަރެވެ. މި ފިލްމާ ގުޅޭގޮތުން އާލިއާ އާއި ޝަރުވާރީގެ އިތުރުން ފިލްމުގައި ހިމެނޭ އެހެން ބައެއް ތަރިން ކަމަށްވާ އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް ވަނީ ސޯޝަލް މީޑިއާގައި މި ޚަބަރު ހިއްސާކޮށްފައެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސް ސިލްސިލާގެ ތެރެއިން އުފައްދާ "އަލްފާ"އަކީ އަންހެން ތަރިއަކު އެކްޝަން ކެރެކްޓާއަކުން ލީޑް ރޯލްގެ ގޮތުގައި ވެސް ތައާރަފްކުރާ ފުރަތަމަ ފިލްމެވެ.

ބަތަލާ އާލިއާގެ އާ ފިލްމެއް މި އަހަރު ބެލުންތެރިންނަށް ގެނެސްދޭއިރު އޭނާ މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އަކީ ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

ފިލްމު "އަލްފާ"އަކީ އާލިއާ ވައިއާރްއެފްއަށް ކުޅެދޭ ފުރަތަމަ ފިލްމެވެ.