އެއާއިންޑިއާގެ ދަތުރުތައް، ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް އިތުރުކޮށްފިއެވެ.

އެއާއިންޑިއާއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މިއަދުން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތަކަށް 78 ފްލައިޓް އިތުރުކުރާނެއެވެ. އެއީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދުވަސްވަރު، ބަރޯސާވެވޭ ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުންނެވެ..

އެއާއިންޑިއާއިން ދަތުރުތައް އިތުރުކޮށް، ފުލައިޓްތައް ދަތުރުކުރާނެ ރޫޓް ތަކަކީ:

  • ދިއްލީން - ނިއު ޔޯކަށް

  • ދިއްލީން - ޕެރިހަށް

  • މުމްބާއީން - ލަންޑަނަށް

  • ދިއްލީން - ޖަރުމަނުގެ ފްރޭންކްފާޓަށް

  • ދިއްލީން - ނެދަލޭންޑްސްގެ އެމްސްޓަޑަމްއަށް

  • ދިއްލީން - ސްވިޓްޒަލެންޑުގެ ޒިއުރިކަށް

  • ދިއްލީން - މާލެއަށް

  • ދިއްލީން - ކޮލަމްބޯއަށް

އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕުން އަގަރްވާލާދީ އިންޑިއާގެ ނޫހެއްގައި ބުނީ، ދަތުރުތައް ކުރަނީ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މަގުތަކުން ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ދަތުރުތަކާ އެކު، ނުވަ މަގަކުން ދަތުރުކުރާ މީހުންނަށް ޖުމްލަ 17,660 ސީޓު އިތުރުވާނެ ކަމަށް ވެސް އެއާއިންޑިއާ އިން ވަނީ ބުނެފައެވެ.

އިންޑިއާގެ އިންޑިއާގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމަިއގެ ސަބަބުން ރާއްޖެއަށް އަންނަ ފުލައިޓްތައް މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

މި އަހަރު ފެށިގެން އައީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ރިކޯޑު އަދަދަށް އިތުރުވަމުންނެވެ. އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުމާއި އެކު، އާންމުކޮށް ރާއްޖެއަށް ފަތުރުވެރިން އަންނަ ގަލްފު ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 50 އިންސައްތަ ދަށަށް ދިޔައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 6،000 ގައި ހުރި ނަމަވެސް، އެ އަދަދުތައް ދަށްވެ، އިއްޔެ ފަތުރުވެރިންގެ އަދަދު ހުރީ 4،000 ގައެވެ.