02 Sep 2010, 18:58
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ބޭންކް، ބީއެމްއެލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ 81 ޕަސެންޓް ދަށަށް ގޮސް، ހިއްސާގެ ފައިދާ ފުރަމަތަ ފަހަރަށް ބަހަން ނުފެންނަ ކަމަށް ބޯޑުން ލަފާދީފި އެވެ.
ބީއެމްއެލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ، އެ ބޭންކްގެ މިދިޔަ އަހަރުގެ ފައިދާ އާއި ގެއްލުމުގެ ރިޕޯޓްގައި ބޯޑް ޗެއާމަން އާދަމް އިބްރާހީމް ވިދާޅުވެފައި ބޭންކްގެ ފައިދާ ބޮޑުތަނުން ދަށްވެފައިވާތީ، ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ބޯޑުން ލަފާދީފައިވާ ކަމަށެވެ.
ބޯޑުން ހިއްސާ ބަހަން ނުފެންނަ ކަމަށް ބުނި އިރު، ބީއެމްއެލްގެ ހިއްސާ އަކަށް މިދިޔަ އަހަރު ޖެހިފައި ވަނީ 9.29 ރުފިޔާ އެވެ. ދެހާސް އަށް ވަނަ އަހަރު ޖެހިފައި ވަނީ 50.26 ރުފިޔާ އެވެ.
އެ ބޭންކްގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާ އަކީ 50 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު، 2008 ވަނަ އަހަރުގެ ސާފު ފައިދާ، 270 މިލިއަން ރުފިޔާ އަށްވުރެ 81.48 ޕަސެންޓް، ނޫނީ 220 މިލިއަން ރުފިޔާ މަދު އަދެކެވެ.
ބޭންކްގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ ފައިދާ ބޮޑުތަނުން ދަށްވީ އެމްއެމްއޭގެ ގަވައިދު ބުނާ ގޮތުން، ބޭންކްގެ އޮޕަރޭޝަނަށް ބަލައި ނުލިބޭނެ ކަމަށް ބަހައްޓަން ޖެހޭ ޕްރޮވިޝަންގެ އަދަދު ބޮޑުކަމުން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޮޑު ބަޔަކީ ލިބޭނެ ފައިސާ ކަމަށެވެ.
ނަމަވެސް ސަންއެފްއެމް އޮންލައިނަށް ނުރަސްމީކޮށް އެނގިފައިވާ ގޮތުގައި ބޭންކުގެ ފައިދާ ބޮޑުތަނުން ދަށްވީ ބޮޑެތި ބައެއް ވިޔަފާރިވެރިންނަށް ދޫކޮށްފައިވާ ލޯންތައް ގަވައިދުން ނުދައްކާވާތީ އެވެ.
މިދިޔަ އަހަރުގެ ހިސާބުތަކުގައިވާ ގޮތުން ބީއެމްއެލް އިން ނުލިބޭނެ ކަމަށް، ނޫނީ ޑައުޓްފުލް ޑެބިޓްގެ ގޮތުގައި 338 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 200 ޕަސެންޓް ބޮޑު އަދަދެކެވެ. ދެ ހާސް އަށް ވަނަ އަހަރު ނުލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 113 މިލިއަން ރުފިޔާ އެވެ.
ބޭންކްގެ މިދިޔަ އަހަރުގެ ގްރޮސް އިންކަމަކީ 961 މިލިއަން ރުފިޔާ އެވެ. އެއީ 2008 ވަނަ އަހަރު ލިބުނު 979 މިލިއަން ރުފިޔާ އަށް ވުރެ 18 މިލިއަން ރުފިޔާ، ނޫނީ ދެ ޕަސެންޓް މަދު އަދަދެކެވެ.
ފައިނޭޝަލް ސްޓޭޓްމަންޓް ދައްކާ ގޮތުން ބޭންކްގެ އޮޕަރޭޓިން އިންކަމް ނުނީ ހުރިހާ ދިމާ އަކުން ވަނީ ލިބުނު އާމްދަނީ ދަށަށް ގޮސްފަ އެވެ. އޮޕަރޭޓިން އިންކަމުން 12 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވެ އެވެ. އެ ބައިން ޖުމްލަ ލިބިފައި ވަނީ 48 މިލިއަން ރުފިޔާ އެވެ. އެ ކެޓަގަރީން 2008 ވަނަ އަހަރު ލިބިފައިވާ ކަމަށް، ރިޕޯޓް ދައްކަނީ 36 މިލިއަން ރުފިޔާ ކަމަށެވެ.
ބޭންކަށް ލިބުނު އާމްދަނީ ދަށްވެ، ފައިދާ ދަށްވި އިރު، ހިންގުމުގެ ހަރަދުތައް ވެސް ވަނީ ބޮޑުވެފަ އެވެ. މިދިޔަ އަހަރުގެ ހިންގުމުގެ ހަރަދުގެ ގޮތުގައި 240 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، އެއީ 2008 ވަނަ އަހަރަށް ވުރެ 21 ޕަސެންޓް، ނޫނީ 42 މިލިއަން ރުފިޔާ މަތީ އަދަދެކެވެ. ހިންގުމުގެ ހަރަދުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މުވައްޒަފުންނަށެވެ. މުވައްޒަފުންގެ ހަރަދު ވަނީ 57 ޕަސެންޓް މަތިވެފަ އެވެ. މިދިޔަ އަހަރު މުވައްޒަފުންނަށް 143 މިލިއަން ހަރަދުވި އިރު، 2008 ވަނަ އަހަރު މުވައްޒަފުންނަށް ހަރަދުވެފައި ވަނީ 91 މިލިއަން ރުފިޔާ އެވެ.
ބޭންކްގެ ފައިދާ އިން ސަރުކާރަށް ޓެކްސްގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައި ވަނީ 28 މިލިއަން ރުފިޔާ އެވެ. އެއީ 2008 ވަނަ އަހަރު ދެއްކި އަދަދަށްވުރެ 62 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ބޭންކްގެ މިދިޔަ އަހަރުގެ ފައިދާ ބޮޑުތަނުން ދަށްވިއިރު، ސަރުކާރާއި ރައްޔިތުން ބައިވެރިވާ އަނެއް ކުންފުނި، އެމްޓީސީސީ ވެސް ވަނީ މިދިޔަ އަހަރު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ކުންފުނި ވަނީ 12 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.