09 Mar 2010, 10:19
14:30
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެން ފުލުހުން އިސްނަގައިގެން ހިންގި ޚާއްސަ ޗެރިޓީ ފުޓްބޯޅަ ޓޯނަމެންޓުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށް ހަދިޔާކޮށްފި އެވެ.
ފުލުހުން ބުނީ ގަލޮޅު ދަނޑުގައި ޓިކެޓް ވިއްކައިގެންނާއި ދަނޑުގައި ބެހެއްޓި ފަންޑު ފޮށްޓަށް 21 ހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މާފުށީގައި ހުންނަ ކުޑަކުދިންގެ ސެންޓަރާ ފައިސާ ހަވާލުކޮށްދެއްވީ އިއްޔެގެ އެ ޓޯނަމެންޓްގައި ބައިވެރި ހަތަރު ޓީމުގެ ކެޕްޓަނުން ކަމަށެވެ. އެ ފައިސާއާއި ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެތަނުގެ ޕްރިންސިޕަލް އަޙުމަދު ޝަފީޤެވެ.
އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފުލުހުންގެ އިތުރުން ކަސްޓަމްސާއި، އައިލެންޑް އޭވިއޭޝަން އަދި އިމިގްރޭޝަނުން ވަނީ ބައިވެރިވެފަ އެވެ. ގަލޮޅު ދަނޑުގައި ބޭއްވި އެހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑރ. އައިމިނަތު ޖަމީލެވެ.