07 Sep 2012, 16:36
ހުޅުމާލޭގައި އަމިއްލަ ވިޔަފާރިވެރިއަކަށް މިސްކިތެއް އެޅުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
އިސްލާމިކް މިނިސްޓަރު އައްޝައިޚު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހުޅުމާލޭގައި މިސްމިތެއް އެޅުމުގެ ހުއްދަ ދީފައިވަނީ އަމިއްލަ ދިވެހި ވިޔަފާރިވެރިއަކަށް ކަމަށާއި އެފަރާތަށް މިސްކިތް އެޅުމުގެ ހުއްދަ ދެއްވީ އެކަމަށް އެދި އެފަރާތުން ހުށަހެޅުއްވުމުން ކަމަށެވެ. މި މިސްކިތް ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމި އަންނަ ރަމަޟާން މަހު އެމިސްކިތް ބޭނުން ކުރެވޭނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. ނަމަވެސް އެމިސްކިތް އެޅުމުގެ ހުއްދަ ދެއްވާފައިވަނީ ކޮން ފަރާތަކަށް ކަމަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ހުޅުމާލޭ ދިރާގު ހުންނަ ފަޅީގައި އެޅުމަށް ހަމަޖައްސާފައިވާ މިމިސްކިތަކީ އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދެ ބުރީގެ މިސްކިތެކެވެ.
ޝަހީމް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް މިސްކިތް އެޅުމުގެ ހުއްދަ ދޭގޮތަށް މިހާރު މިނިސްޓްރީން ހަމަޖައްސާފައިވާއިރު މާލޭގައި ހުރި ބައެއް ބާ މިސްކިތްތައް އަލުން އިމާރާތްކުރުމުގެ ފުރުސަތު ވެސް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފައިވާ ކަމަށެވެ.
" މާލޭގައި ވެސް މިސްކިތް އެޅިދާނެ، އަލަށް ހަދަން ވެފައި ހުރި ތަނެއް ނުވަތަ ބާ މިސްކިތެއް އަމިއްލައަށް އިހުތިޔާރު ކުރެވިދާނެ، އެގޮތުން ޒިކުރާ މިސްކިތް އިމާރާތްކުރާނެ ފަރާތެއް ވެސް އެބަހޯދަން، ދެން ވިލިމާލޭގައި އާ މިސްކިތެއް އެޅުމާ ބެހޭ މަޝްވަރާތަކެއް ވެސް ކުރިއަށް އެބަދޭ،" އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މީގެއިތުރުން ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް އެޅުމަށް ހަމަޖައްސާފައިވާ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ގަތަރުގެ ސަރުކާރާ އެކު ކުރިއަށް ގެންދާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގައި ހުރި މިސްކިތްތައް އަލުން މަރާމާތުކުރުމާ ބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
ޝަހީމް ވިދާޅުވީ ސިޓީ ކައުންސިލާ އެކު ބޭއްވި އެބައްދަލުވުމުގައި ދެފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މިސްކިތްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް މިސްކިތްތަކުގެ އިމާމުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް މިނިސްޓްރީން ހުށަހެޅުއްވި ކަމަށާއި އެކަމާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އެބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.