ކުރުނބާގެ އަގު ހެޔޮ ވަމުން ގޮސް 35 ރުފިޔާއަށް، ފަހު 10ގައި އަގު އިތުރަށް ދަށްވާނެ
ކުރުނބާގެ އަގު ހެޔޮ ވަމުން ގޮސް 35 ރުފިޔާއަށް، ފަހު 10ގައި އަގު އިތުރަށް ދަށްވާނެ

މި ރަމަޟާން މަހުގެ ފަހު ދިހަޔަކަށް އެޅިއިރު، ބާޒާރުގައި ކުރުނބާއެއް ވިއްކާ އަގު 35 ރުފިޔާއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފިއެވެ.

ރަމަޟާން މަސް ފެށުނުއިރު ކުރުނބާއެއް ވިއްކަނީ 50 ރުފިޔާއާއި 55 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މިހާރު ކުރުނބާގެ އަގު އުޅެނީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިއަކު 'ސަން'އަށް މިއަދު ބުނީ، ދެތިން ދުވަސް ފަހުން ކުރުނބާގެ އަގު އިތުރަށް ތިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ފަހު ދިހައިގައި ހުރިހާ އެއްޗެއް ދަށަށް އެ ދަނީ ގާތްގަނޑަކަށް،" ވިޔަފާރިވެރިޔާ ބުންޏެވެ.

މާރުކޭޓު ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކުރެވޭ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހަޔަކަށް އެޅިއިރު، ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ހަފުތާ ބަންދުގައި ކަނޑޫދޫ މިރުސް ކިލޯއެއް 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކިއިރު، އިއްޔެ ކަނޑޫދޫ މިރުހުގެ އަގު އުޅުނީ 230 ރުފިޔާއާއި 280 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

ރަމަޟާން މަސް ފެށުނުއިރު، ކަނޑޫދޫ މިރުހުގެ އަގު ހުރީ އަތްނުފޯރާ ފަށުގައެވެ. އެ ދުވަސްވަރު 100 ގްރާމްގެ އަގު 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދު ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 380 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ބައެއް ގޮޅިތަކުގައި އޭރު ކިލޯއެއް 450 ރުފިޔާއަށް ވެސް ވިއްކާފައިވެއެވެ.

މާރުކޭޓުގައި އެހެން ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ލިބެންހުރި އަގުތަކަށް ބަލައިލާއިރު:

  • ކިއުކަމްބާ: 55ރ. އަށް ކިލޯއެއް

  • ފަޅޯ: 50ރ. އަށް ކިލޯއެއް
  • މިރުސް: 20-25ރ. އަށް 100 ގުރާމް
  • ދޮންކެޔޮ: 45-50ރ. އަށް ކިލޯއެއް
  • ބަށި: 55ރ. އަށް ކިލޯއެއް
  • އަލަނާސި: ގަނޑެއް 50-55ރ. އަށް
  • ލެޓިއުސް: 50ރ. އަށް ކިލޯއެއް
  • ކޮޕީފަތް: 10ރ. އަށް ބޮނޑިއެއް
  • ހިކަނދިފަތް: 10ރ. އަށް
  • ރާނބާފަތް: 5ރ. އަށް
  • ލުނބޯ: 65-70ރ. އަށް ކިލޯއެއް
  • ކެރެޓު: 25ރ. އަށް ކިލޯއެއް