07 Sep 2012, 15:49
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގައި ހުރި މައްސަލަތައް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފި އެވެ.
އެ މައްސަލަތައް އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ގެނައީ ދާދިފަހުން އިންޑިއާއަށް ޒިޔާރަތްކުރެއްވި، ރާއްޖޭގެ މިނިސްޓަރުންގެ ވަފުދަކުންނެވެ. އެ ވަފުދުގައި ހިމެނިވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓާ، ޑރ. އަހުމަދު ޝަމްހީދާއި ޓްރޭޑް މިނިސްޓާ، އަހުމަދު މުހަންމަދެވެ. ދެ މިނިސްޓަރުން ވަނީ އިންޑިއާގެ ސިވިލޭވިއޭޝަން މިނިސްޓާ، އަޖީތު ސިންހާއި އެ ގައުމުގެ ޝިޕިން މިނިސްޓަރާއި ބައްދަލުކުރައްވައިފަ އެވެ.
އެ ދަތުރަށް ފަހު އެބުރިވަޑައިގަތް، ޓްރާންސްޕޯޓް މިނިސްޓާ، ޝަމްހީދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެގްރިމަންޓަކީ ސަރުކާރުން ބޭނުންގޮތައް އެއާޕޯޓް ޑިވަލޮޕްކުރެވޭނެ އެއްބަސްވުމަކަށް ނުވާނެ ކަމަށް އިންޑިއާ ސަރުކާރުގައި ދެންނެވި ކަމަށެވެ. އެގޮތުން އިތުރު ރަންވޭއެއް ހެދުމަށް އެއްބަސްވުމުގައި ނެތުމާއި އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ މައްސަލަވެސް އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ގެނައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"ސިވިލޭވިއޭޝަން މިނިސްޓަރު ދިގު ކޮށް އެވާހަކަ ދެއްކެވި، އެކަމަކު އެވެސް ޑިޕްލޮމެޓިކްކޮށް، އެވެސް ފޮރިން އިންވެސްޓްމަންޓް ވާހަކައިގެ ތެރެއިން، މީގެކުރިން އިންޑިއާއަށްވެސް އެނގިފައި އޮންނަނީ ޖީއެމްއާރާ އެކު ސަރުކާރުން އެގްރިމަންޓެއް އޮތް ވާހަކަ، ނަމަވެސް އެ ފުރުސަތުގައި އަޅުގަނޑުމެން އެ އެގްރިމަންޓްގައި ހުރި މައްސަލަތައް ދެންނެވިން، އެހެންވީމައި މިކަންވީ ވަރަށް ރަނގަޅު ޗާންސަކަށް އިންޑިއާއަށް މިކަންކަން އަންގައިދޭން،" މިނިސްޓާ ވިދާޅުވި އެވެ.
އަދި ރާއްޖޭގައި ހުރި އިންޑިއާގެ ފޮރިން އިންވެސްޓްމަންޓްތަކަށް ބޭއިންސާފުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމައި ޖީއެމްއާރު ކުންފުންޏާއި ބައްދަލުކޮށް މަޝްވަރާ ނުކުރައްވާ ކަމަށެވެ.
ދެ މިނިސްޓަރުން އިންޑިއާއަށް ދަތުރެއް ކުރައްވާފައިވަނީ، އިންޑިއާގެ ބައެއް ގަވާއިދުތަކަށް އައި ބަދަލާއި އެކު ދިވެހި ބޯޓުތަކަށް އިންޑިއާގެ ބަދަރުތަކަށް ވަނުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާ ކުރުމަށެވެ. އަދި މޯލްޑިވިއަން އިން އިންޑިއާއަށް ދަތުރުތައް ފަށާތީ އެކަމާވެސް މިނިސްޓަރުން ވަނީ އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްފަ އެވެ.