މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު
މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު

ޕީކް ދުވަހަކަށް ވާތީ އިއްޔެއަށް ވުރެ މިއަދު ވައި ނުސާފު ކަމަށާއި މާދަމާއިން ފެށިގެން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު
މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު

އައިކިއުއެއާއިން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި މިއަދު ވައިގެ ސާފު މިން ހުރީ 150އިން މަތީގައެވެ. އެއީ، އިއްޔެއަށް ވުރެ ނުރައްކާ މިންވަރެއް ކަމަށްވާއިރު، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވައި ނުސާފެވެ.

އެގޮތުން، އުތުރުން ކުޅުދުއްފުށި ސިޓީގައި ވައިގެ ކޮލިޓީ ހުރީ، 153ގައި ރަތް ސަމާލުގައި ކަމަށްވާއިރު، ދ. ކުޑަހުވަދޫގައި ވައިގެ ކޮލިޓީ ހުރީ ނުރައްކަލުގެ އޮރެންޖު ސަމާލުގައެވެ.

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި: މިއަދު އިއްޔެއަށް ވުރެ ވައި ވަނީ ނުސާފުވެފައި -- ސަން ފޮޓޯ: ފާތިމަތު ޝައުނާ

އޭގެއިތުރަށް، ލ. ގަމުގައި ވައިގެ ސާފުމިން ހުރީ 144ގައި ކަމަށްވާއިރު، ދެކުނުން ފުވައްމުލައް ސިޓީގައި ވައިގެ ކޮލިޓީ ހުރީ 132ގައެވެ.

މެޓު އޮފީހުން 'ސަން'އަށް ބުނި ގޮތުގައި، ޕީކް ދުވަހަކަށް ވާތީ، މިއަދު އިއްޔެއަށް ވުރެ ވައި ނުސާފެވެ.

މިގޮތުން، ހދ. ހަނިމާދޫއަށް ދުރުފެންނަ މިންވަރު ހަތަރު ކިލޯ މީޓަރުގައި ހުރިއިރު، މާލެއަށް ތިން ކިލޯމީޓަރުގައި ދުރު ފެނެއެވެ. ދެކުނުން ކާޑެއްދުއަށް އަށް ކިލޯ މީޓަރުގައި މިއަދު ދުރުފެނެއެވެ. ނަމަވެސް، ކައްދުއަށް ދުރު ފެންނަނީ ހަ ކިލޯ މީޓަރުގައި ކަމަށްވާއިރު، އައްޑުއަށް މިއަދު ދުރު ފެންނަނީ އެއަށް ވުރެ ދަށުން ފަސް ކިލޯ މީޓަރުގައެވެ.

އެ އޮފީހުން ބުނީ، މިއަދު އިއްޔެއަށް ވުރެ ވައި ނުސާފު ނަމަވެސް، މަޑުމަޑުން ރަނގަޅުވަމުން އަންނާނެ ކަމަށެވެ. އަދި، މާދަމާއިން ފެށިގެން ވައިގެ ސާފުމިން ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ. މި ފަހުން ދުންފުހުގެ އަސަރުކުރާ މިންވަރު އަންނަނީ ބޮޑުވަމުންނެވެ.

"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.

މާލޭގެ ބާޒާރު ސަރަހައްދުގައި ބަޔަކު މާސްކެއް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.