ކޮމަންވެލްތުގެ ފަރާތުން ރާއްޖެ އަށް ޒިޔާރަތް ކުރި މެމްބަރުންގެ ޓީމަކާ އެޗްއާރުސީއެމުން ބައްދަލުކޮށްފި އެވެ.

އެޗްއާރުސީއެމުން އިއްޔެ ބުނީ މިދިޔަ ބުދަ ދުވަހު އޮތް އެ ބައްދަލުވުމުގައި ކޮމަންވެލުތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިހާރު ރާއްޖެ އަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ކޮމަންވެލްތްގެ ޕޮލިޓިކަލް އެފެއާޒް ޑިވިޝަންގެ އެޑްވައިޒާ އެންޑް ހެޑް، ގުޑްސް އޮފީސް ސެކްޝަން މިސް ނީޓާ ޔަވަނަރާޖާ އާއި ޕޮލިޓިކަލް އެފެއާޒް އެޑްވައިޒާ މިސް އެލިސަން ޕިއާމަން ކަމަށެވެ. އެޗްއާރްސީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އާއި ނައިބު ރައީސް އަހްމަދު ތޮލާލް އާއި މެމްބަރު ޑރ. އަލީ ޝަމީމް ކަމަށެވެ.

ރާއްޖެ އަށް ސިޔާސީ ގޮތުން ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ މިފަދަ ދުވަސްވަރުގައި ކޮމަންވެލްތުގެ ފަރާތުން ރާއްްޖެ އަށް ޒިޔާރަތްކޮށް ކަންކަން ވަރަށް ކައިރިން ބަލައި ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދީ މައްސަލަތަކަށް އިންސާފުވެރި އަމާން ހައްލުތަކެއް ނެރެވޭތޯ ކޮމަންވެލުތުން އަދާ ކުރަމުން އަންނަ ދައުރު އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ މަސްރަހު ރަނގަޅު ކުރުމަށް އެޗްއާރްސީއެމުން ވެސް ހަރުދަނާ ދައުރެއް އަދާ ކުރަމަނުންދާކަން ފާހަގަކޮށް އެކަމަށް ޓަކައި ކޮމަންވެލްތްގެ ޓީމުން ކޮމިޝަންގެ މަސައްކަތަށް ހިތްވަރު ދެއްވި ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.